ގުޅީފަޅު ހިއްކުމުގެ ފުރަތަމަ ބައި މަހެއް ތެރޭ ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިތުރު 85 ހެކްޓަރު ހިއްކުމުގެ މަޝްރޫއު ފަށާނީ އޭގެ ފަހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ފަހުން އިއުލާނު ކުރެއްވި 85 ހެކްޓަރުގެ ބިން ހިއްކުމަށް. އެއީ މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ ތެރޭ ހިމެނޭ މަސައްކަތެއް ނޫން ވީމާ، މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ މަސައްކަތް ނިމުނީމާ އިތުރަށް ހިއްކަން ޖެހޭ ބައި ހިއްކުމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ގުޅީފަޅުން ހިއްކާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި ހަ މަސް ތެރޭ އެ މަސައްކަތް ވެސް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އެންމެ މުހިންމު އެއް މަޝްރޫއު ކަމުގައިވާ ރަސްމާލެ އާއި ގުޅީފަޅުގައި މުނިސިޕަލް ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ތަރައްގީ ކުރުމަށް ޗައިނާގެ ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ވަނީ ހަވާލުކޮށްފައެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ.