ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އަޚުވަންތަ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ބަރަކާތްތެރި ރަމަޟާން މަސް ނިމުނު ކަމުގައިވިޔަސް، އޯގާތެރިކަމާއި، ދީލަތިކަމާއި، އެއްބައިވަންތަކަމުގެ އުޞޫލުތައް ނެގެހެއްޓުމުގެ މުހިންމުކަމާއި، މުސްލިމް އުއްމަތުގެ ސުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން، އަދި އުފާފާގަތިކަން އެދިވަޑައިގަންނަވަމުންނެވެ.

ރައީސް ވަނީ މިފަހަރުގެ އީދު ހުރިހާ ރައްޔިތުން ވެސް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރެއްވުމަށް ބާރު އަޅުއްވާފައެވެ.