މާލެސިޓީއަށް މޫސުން ގޯސްވެ ފެންބޮޑުވުމާއެކު ބަޔަކު ކެނޯ ދުއްވާ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެއްޖެއެވެ.

މި ވީޑިއޯ އިން ފެންނަނީ މާލޭގެ މަގެއް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ މަންޒަރެވެ. އަދި މަގުގެ ދެ ފަރާތުގައި ސައިކަލުތައް ޕާކުގައި ކޮށްފައިވެސް ހުރި މަންޒަރު ފެނިގެން ދެއެވެ. އަދި ދެ ފިރިހެނުން ކެނޯއެއް މަގު މައްޗަށް ނެރެގެން މަގުމަތީގައި އެ ދުއްވާ މަންޒަރު ފެނިގެންދެއެވެ.

ކެނޯގެ ކުރީގައި އިން މީހާ އެ ދުއްވަން އިންއިރު ފަހަތުގައި މީހަކު ކެނޯގައި އޮށޯވެގެން އޮންނަ މަންޒަރު ވެސް ފެނިގެން ދެއެވެ.


މާލެއަށް ފެން ބޮޑުވާ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގެ ހާލަތާއި ގުޅޭގޮތުން ބައެއް މީހުން ޖޯކު ޖަހާ ހަދައެވެ. އެގޮތުން އެއީ ކޯރެއް ކަމަށް ބުނެ މާލޭގެ މަގުގައި ފެންބޮޑުވުން ދުއްވަންވީ ޖެޓްސްކީއެއް ކަމަށް ވެސް ބުނެފައެވެ. މިފަހަރު މި ފެނިގެން ދިޔައީ ބަޔަކު ސީރިއަސްކޮށް މިކަހަލަ ކަމެއް ކުރި ތަނެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުން އެކަން މަޖަލަކަށް ހަދާ، ބައެއް މީހުން އެކި "މީމް" ތައް ވެސް ހަދައެވެ.

މޫސުން ގޯސްވެ، ރީނދޫ ސަމާލު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ނެރެފައެވެ.

މެޓް އޮފީހުން އެންމެ ފަހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އިން ބުނެފައިވާގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދާއި އަދި މާދަމާގެ މޫސުން ގޯސްވާނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މުޅި ރާއްޖެއަށް މިއަދުވެސް އަދި މާދަމާވެސް ވަރަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށެވެ. އެކަމަކު އުތުރުގެ ބައެއް އަތޮޅުތަކަށް މާދަމާގެ މެންދުރުފަހުން މޫސުން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާ މޫސުން ގޯސްވެފައިވާއިރު މީގެ ތިން ދުވަސް ކުރިން މާލޭ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން ހުރީ 48.4 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޭރު ބުނީ މިދިޔަ މާރޗް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭރު ހޫނުގަދަވި އިރު، އެ ދުވަސްތަކުގައި ހޫނުމިން އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަރަފަކައްދަ

    މިއީ ޤައުމެއްވާ! ހުރިހާ ކަމެއް އޮންނަ ޤައުމެއް! ވަރަށް ސަޅި!މިހެން ވެގެންނޭ ބަންގްލަދޭސް އިންނާއި ކައިރި ޤައުމު ތަކުގެ މީހުން މާލެ އަންނަނީ!

  2. ޙާލަތު

    އަލަށް މާލޭގަ ފެންބޮޑުވީ އުތަ... އާކަޑަވެގެން އުޅެނީ

  3. އޖއ

    ތި ކުރެވުނީ މާ މަޖާ ކަމެއް ނޫން

  4. ހަލީމާ

    އެހެންތާ ވާނީ ފުރޮޅުލީ އުޅަނދު ދުއްވުން މަނާކުރީމާ.