އައްޑޫސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ސ. ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް އަސަރުކޮށް، 5 ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސ.ފޭދޫ ގެ 40 އަށްވުރެ ގިނަ ގޭގެއަށް އަސަރުކޮށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ޖުމްލަ 5 ގެއަކުން މީހުން ހުސްކުރަންޖެހުނުއިރު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވީ 2 ގެއެއްގެ މީހުން ކަމަށާއި އެހެން ގެތަކުން ބަދަލުވީ އާއިލީ ގެތަކަށް ވެސް ޕޯސްޓުގައި ވަނީ ބުނެފައެވެ.

ރެއިން ފެށިގެން އައްޑޫއަށް ބޯކޮށް ވާރޭވެހިފައިވާއިރު، މެޓް އޮފީހުން ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރަކީ އައްޑޫސިޓީއަށް މިއަހަރުގެ މިހާތަނަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ދުވަސް ކަމަށެވެ. އެގޮތުން އެ މުއްދަތުގައި އައްޑޫސިޓީ ގަމަށް 167.7 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައިވާ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައަކީ ހުޅަނގުގުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން އުފެދޭ ވިލާގަނޑުގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށާއި މިދުވަސްވަރަކީ ދެ މޫސުން ވެސް ބެދޭ ދުވަސްވަރު ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، މެދު ރާއްޖެ ތެރެެއާއި ދެކުނަށް މެންދުރު ފަހުން ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ކުރާއިރު، އުތުރުގެ އެހެން އަތޮޅުތަކަށް ކޮންމެ ވެސް ވަރަކަށް ވާރޭ ވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.