"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓް ބޮލައިލާ ޖަހައިފިނަމަ އެތައް ބައެއްގެ ހައްގު ގެއްލޭނެ ކަމަށް ސަރުކާރުން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުން ވަނީ އެ ފްލެޓް ލިިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން ލަފާދޭން ފާސްކޮށްފައެވެ. މި ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގިނަ ޝަކުވާ ހުށަހެޅިފައިވާތީ، އެ މައްސަލަތައް ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓާއި ގުޅިގެން މަޖިލީހުގައި މިއަދު ވަނީ ވޯޓެއް ނަގާފައެވެ. މި ރިޕޯޓާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައިނުވެއެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވި 29 މެންބަރުން ތާއީދު ކުރަނީ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފްލެޓް ދިނުމަށެވެ.

މިގޮތަށް މަޖިލީސް ފާސްކުރިއިރު، ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުމުން ބައެއް މީހުން ވަނީ އެ ފްލެޓު ލިސްޓަކީ ބޭއިންސާފުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، އޭސީސީއަށް ޝަކުވާ ހުށަހަޅައިފައެވެ. އަދި އެ ޝަކުވާތަކާ ގުޅިގެން އޭސީސީގެ ތަހުގީގު ނިމެންދެން އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓް ހަވާލު ކުރުމުގެ ކަންކަން މަޑުޖައްސާލަން އޭރު އޮތް ސަރުކާރަށް ކޮމިޝަނުން އެންގިއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް ހުއްދަ ދީފައެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ފްލެޓްތައް ދޫކޮށްފައި ހުރި ގޮތާއި ގުޅޭގޮތުން އޭސީސީގެ ރިޕޯޓެއް އޮތްއިރު، އޭގައި ވަރަށް ކަންބޮޑުވާ ކަންތައްތައް އެބަހުރި ކަމަށެވެ.

"އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަކީ މި ސަރުކާރުން ބޭނުުންވާ ކަމެއް ނޫން، އެ ހުރިހާ ކަންބޮޑުންތަކެއް އޭސީސީގެ ރިޕޯޓްގައި ހާމަކޮށްފައިވަނިކޮށް، އެ ރިޕޯޓާއި ބޮލާލާ ޖަހާ އެހެން ގޮތަކަށް އަޅުގަނޑުމެން ނިންމުމަކީ، އެއީ ނުލިބި ތިބި ފަރާތްތަކުގެވެސް އަދި ފްލެޓް ލިބިފައި ތިބި ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ ކަމެއް،".

އެހެންކަމުން ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފްވެރި ގޮތަކަށް، އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް ހީނާ ވިދާޅުވިއެވެ.

މިއަދު މަޖިލީހުން ފާސް ކުރި ރިޕޯޓުގައި ކޮމިޓީން ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަމަށާއި އޭގެ ސަބަބުން އާއްމުންނާއި ފުލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެ ފުލެޓު ދިނުމަށް ވައުދުވެފައި އޮތްކަންވެސް ފާހަގަކޮށް ކޮމިޓީން ވަނީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ގެޒެޓުކޮށްފައިވާ ފުލެޓު ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ފުލެޓު ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިނުމަށާއި ފުލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް ލަސްނުކޮށް ފުލެޓު ހަވާލުކުރަން ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކަލޯގަޔާ

    މިހާރު އޮތީ ފްލެޓްތަކުގެ ހަޑި ހާވާފަ އޮތް މަޖިލިސް އެއްކަމުން އަދިވެސް އެމީހުންގެ ވިސްނުން ހުންނާނީ ހަމަ އެމީހުން އެދުނުގޮތަށް ފުލެޓްދޭން... އޭ.ސީ.ސީ އިން ވަކި ގޮތަކަށް ނިންމާފައި އޮތްވާ މިހާރުގެ މަޖިލިސް މެންބަރުން ހަތަރެސްފައިން ވޯޓްދިނަސް އެގޮތަށް ހެދިގެންނުވާނެ.... މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އިންސާފުކޮށް ފުލެޓްގެ ކަންތައް ކުރިޔަށް ގެންދާނެކަން ޔަގީން.

    53
    5
  2. ޙެހެހ

    ފްލެޓް އެކަނި ކީއްވެހޭ ، ބިންވެރިޔާ ސްކީމްގައިވެސް ހުރީ ބޮޑެތި އޮޅުވާލުންތަކެއް، އަކްރަމް ކަމާލުއްދީންގެ މުޅި އާއިލާއަށް ސީދާ ހުޅުމާލެއިން ބިންލިބުމަކީ އިއްތިފާޤެއް ނޫން ، އަދި މެމްބަރު މީކާއީލް އެތެޅޭވަރުންވެސް އެނގޭ އެމީހުން ގޯސްހަދާފަ ހުރިވަރު ، ހަމައެކަނި ލިސްޓަށް އެރީމަ އިންސާފުން ބަލާއިރު ލިސްޓުން އުނިވީމަ ބައެއްމީހުން ބުނަނީ ހައްޤު ނިގުޅާގަތީއޭ ، ދެން ކޮބާ އެހެންމީހުންގެ ހައޤު

  3. ޙެހެހ

    ހުޅުމާލެއިން ގޯތިދޭތާ އެތައް އަހަރަށްވެއްޖެ ، އެކަމަކުވެސް އެއްކަލަ މާލޭގައި ހާލުގައި އުޅޭމީހުންތިބީ ދަތިހާލުގައި ، މީގެންވެސް އެބައެނގޭ ހައްޤުނުވާ ބަޔަކު އެބަ ބިންތައް ދަމާގަންނަކަން ، އަޅެ ކީއްތަވާނީ އަމިއްލަ ނަފްސުން ތިބާއަށް ހައްޤުނުވާ އެއްޗެއް ހޯދަން ނޫޅުނިއްޔާ ، ތެދެއް މަހްސަރުބިމަށް ދާއިރު މުދަލާއި ބިމާއި ހިފާގެން ދެވޭނެ،،،

  4. އޭނާ

    ފްލެޓްތަކަކީމަޖިލިސްމެންބަރުންގެ ޣަނީމާމުދަލެއްތޯ އެމީހުންބޭނުންވާބަޔަކައްދޭން. މިމީހުންކޮންމެކަމެއްވެސް ޖަރީމާއަކުންނިންމާލަންމިއުޅެނީ.

  5. ފެއްސި

    ޑރ. މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް އެންމެ ބެސްޓް ސަރުކާރު. ތާއީދެއްނެތް މަޖިލީހަކުން ފާސްކުރާ ގާނޫނެއް ތަންފީޒުކުރާކަށް ނުޖެހޭ. ރައްޔިތުންގެ މިފަދަ ނިންމުންތަށް ނިންމަން ރައްޔިތުންގެ އިތުބާރާއެކު ހޮވާފަތިބި މެމްބަރުންގެ މަޖިލީހުން ގޮތް ނިންމަން ދޫކޮށްލާފަ މިިހާރު ތިބި އިތުބާރުނެތް މީހުންތަށް ފެއްސިގެން ދާން އުޅޭ.

  6. އަހަންމާކަލޯ

    ކުރީ ސަރުކާރުން ތިކަން ކޮއްފައި އޮތީ ރަނގަޅަކަށް ނޫން އަދި މިސަރުކާރުން ވެސް ތިކަން ތި ގެންދަނީ ރަނގަޅަކަށް ނޫން ހަމަ އެހެންމެ އޭސީސީ އިން ތިކަން ގެންދިޔައީ ރަނގަޅަކަށް ނޫން އެންމެ ޓްރާސްޕޭރަންޓް ވާންޖެހޭ މުއަސަސާ އެކަމަކު އެންމެ ވަގަށް އެންމެ ފޮރުވައިގެން އަދި އަދަށް ދާންދެންވެސް މިތާކުން ނިންމި ގޮތެއް އެގޮތަކަށް ނިންމަން ޖެހުނު ސަބަބެއް އެއްވެސް ފަރާތަކަށް ނޭނގޭ މިހާރު އެހެން ހުރިހާ ފަރާތަކަށް ވުރެ އޭސީސީއަށް ތުހުމަތުގެ އިނގިލި ދިއްކުރުވަން އެބަ ފިކުރު ހިންގަން ޖާގަދޭ... މިކަމަކީ ދެން އެއްވެސް ފަރާތަކަށް ނިންމޭނެ ކަމެއް ނޫން ނުލިބޭ ހުރިހާ އެންމެން ވެސް ސަރިއަތަށް ދާނެ ދެން ނިމޭނީ ސުޕްރީމް ކޯޓާ ހިސާބުން... ވަރަށް ދެރަ ހައްގު ފަރާއިތްތަކަށް ވަދެވޭނީ ވަރަށް ލަހުން ސަރުކާރުން އެއްވެސް ބަޔަކަށް ދިނަސް ވަގުތީ އަމުރެއް ނެރުވާނެ އެހަށް މަޑު ޖައްސާލަން. ތި މައްސަލަ ދެން ނިމޭނެ ދުވަހެއް މާތްކަލާންގެ ދެނެވޮޑިގެންނަވާނީ ވ. ސަލާމް

  7. Anonymous

    ޝުކުރިއްޔާ ހީނާ

  8. އޭސީސީ ސްޓާފު

    ފުލެޓް ރަށުގައި ދިރިއުޅެ އޮޅުވާލައިގެން ހޯދި މީހުން ފިޔަވައި ފުލަޓަށް އެޕްލައި ކުރި މީހުންގެ ތެރެއިން ސުކޫލުތަކަށް ދަރިން ވައްދާފައިވާ ތާރީޙާއި ، އެންމެ ފަހުގެ 3 އައިޑީ ކާރޑު ހައްދަން ހުށައެޅިއިރު މިހާރު ދިރިއުޅޭ އެޑްހަށް ދީފައިވާ އެޑްރެސްތައް ބަލައިގެންނާއި ، އެމީހަކު ގެންގުޅޭ ފޯނު ނަންބަރު މާލެ ސަރަހައްދު ސެލް ޓަވަރ ތަކަށް އާންމު ގޮތެއްގައ ހިޓްކޮށްފައިވާ ކަމަށް ދައްކާފައިވާނަމަ މާލޭގައި ފަނަރަ އަހަރު މާލޭގައި ދިރިއުޅެފައިވާކަން ކަށަވަރު ކުރުމަށްފަހު އެމީހުންނަށް ދޭން ޖެހޭން. ފުލެޓް ހައްގުތޯ އެސީސީއިން ބެލީ އެއްވެސް ސިޔާސީ ނުފޫޒަކުން ލިބޭކަމަށް ލިސްޓުގައި ތިބި މީހުން އެކަނި . އެއީ އަސްލު ހައްގު މީހެއް ވިޔަސް އެމީހަކު އިނީ މައްސަލަ ހުރި ލިސްޓުގައި ޖަހާފައި. މީހުން އުފުލާފައި ޝަކުވާތަކަށް އެ ޝަކުވާއެއްގައި މީހެއްގެ ނަމެއް އިނިއްޔާ އެ ފޯރމް ބަލާފައި އެއީ ހައްގު މީހަކަށް ވިޔަސް ،އެމް.ޑީ.ޕީ ދަފްތަރުގައި އިނިއްޔާ އެމީހަކު އިނީ މައްސަލަ ހުރި ލިސްޓުގައި.. ޢެސީސީން މުޅި ލިސްޓު ބަލާފައި ނުވޭ

  9. ޒާ

    ހީނާ ވާހަކަ ދެއްކުން ކަމަކު ނުދޭ. އިތުރަށް ދަތްކުނޑިކެވޭގޮތް ވަނީ.

  10. ސޮފޫރާ

    ފުލެޓް ހައްގުނުވާ ބަޔަކަށް ފުލެޓް ލިބިގެން ނުވާނެ. ބަލަން ޖެހޭ ކަންކަން ރަނގަޅަށް ބަލާފަ އޭގެ ހައްގު ވެރިންނަށް ދިނުމަށް ދަންނަވާލަން

  11. އިންސާފުން ދެއްވާށޭ

    ފްލެޓް ދިނުމުގައި އޮޅުވާލުންތައް އުޅޭތީ އެންމެ އިންސާފުވެރި ގޮތަކަށްވާނީ ކޮމިޓީ އިން ބެލުމަށްފަހު ދިނުން.

  12. ޙޫއަދި

    ކުޑަކުދިންކައިރީގައި ދައްކާ ވާހަަކަނުދައްކާ ،އެއްވެސްރައްޔިތެއްގެެ ޙައްޤެއްނުގެއްލޭގޮތަށް ހަދައިދޭނަމޭ ބުނެބޭޭ.. ނުވާނެކަމެއްތީ!! އާންްމުކޮށް "ލީޒަރ އެވިލް" ކުޑަ ފާފަ ނުވަތަ ކުޑަގެއްލުންް ޕިކްކުރާނީ ،އެއީ މުހާރު އެއޮތްގޮތަށް ލިސްޓަށް ފުލެޓް ތައްދިނުން

  13. ޢައްބެ

    އެއްވެސް ސަރުކާރަކުން ފްލެޓްތައް އިންސާފްވެރިކޮށްދޭނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރޭ. އަދި އެއީ މިހާތަނަށް ވެފައޮތް ކަމެއްވެސް ނޫން. އަދި އޭސީސީ ތަހުގީގަކީވެސް ރަނގަޅު ތަހުގީގެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރޭ. ރައީސް ވިދާޅުވެފައޮތީ ގޯސްކޮށް ދީފައޮތަސް ރަނގަޅަށް ދީފައޮތަސް ތިމަންނާ ފްލެޓް އަތުނުލާނެ ކަމަށް. އޭސީސީ އިން ބަލައިގެން ހުއްޓުވަންޔާ ތިގޮތަށް މިގައުމުގަ ހުއްޓުވަންޖެހޭ ބައިވަރު ކަންތައް އެބަހުރި. އޭސީސީ ވައްދައިގެން އުޅެނީ މިސަރުކާރުންވެސް ފްލެޓްތައް ބޭނުން ބަޔަކަށް ދިނުމުގެ ބޭނުމުގަ އެކަނި. ހަމަ ގައިމުވެސް ފްލެޓް ލިބިފަތިބި ލިސްޓް 80 ޕަސެންޓް މައްސަލް އުޅޭނެ ކަމަށް ބުއްދިއެއް ގަބޫލެއް ނުކުރެވޭ. މައްސަލައަކީ ރައްޔިތުން ވާނުވާގަ ބަހައްޓާފަ ސިޔާސީ ފައިދާ ނަގާތީ. މިހާރު ކޮން ރައްޔިތަކަށްތޯ ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން އޮތީ. ރައްޔިތުންގެ މިކަހަލަ ހައްގުތަކަށް އަރައިގަނެގެން ތިބެ އެންމެން ދަރަނިވެރިވެ ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރެއަށް މިހާރު ހިގައްޖެ.

  14. Anonymous

    ރައީސް މުއިއްޒު ތަކުރާރުކޮށް ވައުދުވި އަދި އެ ވައުދަކުން އެންމެ ގިނަ ވޯޓު އަނބުރާލެވުނު ވައުދު ކަމަށްވާ " ފުލެޓެއް ވިޔަސް، ގޯއްޗެއް ވިޔަސް އެލިބިފައިވާ ކަމަށް ސަރުކާރަކުން ލިޔުން ދީފައި އޮތިއްޔާ ގޯތި/ ފުލެޓް ލިބުނު ތަނަކުން ދޭނަމޭ ދޭނަމޭ.." މި ވައުދު ނުފުއްދާނެ ކަމަށް ރައީސް މުއިއްޒުގެ ތަރުޖަމާން ވިދާޅުވީމައި ސަރުކާރުގެ ކޮންޓްރޯލް ރައީސް މުއިއްޒު އަތުގައި އޮތް ކަމާއި މެދު ޝައްކު.. ދެން މާދަމާ ރައީސް ޕްރެސް އަކަށް އަރައި ވިދާޅު ވާނެ " އަޅުގަނޑެއް ނުދަންނަވަމޭ... ހީނާ އޭ އެހެން ވިދާޅުވީ.. " އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑޭ ކިޔާފައި ނުދެއްކޭނޭ..."..

  15. ހައްވަ

    މިހާރު ހަތަރު އަނގައިން ވާހަކަ ދައްކައި ކޮންމެ ގޮތަކަށްނިންމިއަސް އިންސާފަށް ވާނެދޯ؟

  16. ޜައްޔިތު މީހާ

    މިހާރު މޮޑެފައި އޮތް މަސްހުނި ގަނޑު ގައި އެއްވެސް ރަހައެއްނުލާތީ އަލުން ޖެހޭނީ މޮޑެން
    މުނިސިޕަލްޓީ ގަސްދޮށު ގައި ޖެހިފައި ތިއްބަސް އެއީ ދިވެހި ރައްޔިތުން އެއެންމެންވެސް ހިމަނައިގެން ތިޔަލިސްޓް އަލުން ނެރުމަށް ސަރުކާރަށް ގޮވާލަންނ

  17. ޢަބްދުﷲ

    އަހަރެންނަށްވެސް ފުލެޓް ލިބުނު.. 92 ޕޮއިންޓް. އުއްމީދު ކުރަނީ، މި ސަރުކާރުން ވީ އެންމެ އަވަހަށް ފުލެޓް ޙައްޤުވާ ފަރާތްތަކަށް ފުލެޓްތައް ދޭނެ ކަމަށް. އަދި އަވަހަށް މައްސަަލަތައް ބަަލައި ނިންމަވާނެ ކަމަށް.