ރަންވީރު ސިންގް އޭނާގެ އިންސްޓަގްރާމުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނާއިއެކު ޕޯސްޓް ކޮށްފައިވާ ކައިވެނީގެ ފޮޓޯތައް ނަގައިފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ އިންޑިއާ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަންވީރު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ކުރީގެ ގިނަ ފޮޓޯތަކެއް ނަގާފައެވެ. އެގޮތުން މިހާރުން ފެންނަން ހުރީ 2023 ވަނަ އަހަރުގެ ޖެނުއަރީއިން ފެށިގެން ރަންވީރު ޕޯސްޓް ކޮށްފައިވާ ފޮޓޯތައް ކަމަށްވެއެވެ.

ރަންވީރު ކުރީގެ ހުރިހާ ޕޯސްޓެއް ނަގާފައިވާއިރު އޭގައި ދީޕިކާއާއި ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، އެ މީހުން ނަގާފައިވާ ފަހުގެ ބައެއް ފޮޓޯތައް ފެންނަން ހުރި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ރަންވީރު އިންސްޓަގްރާމްއިން ގިނަ ފޮޓޯތަކެއް ނެގުމުން ގިނަ ބަޔަކު ދަނީ އެކަމާއި ސުވާލުކުރަމުންނެވެ. ކުއްލިއަކަށް ރަންވީރު އެ ނިންމުން ނިންމީ ކީއްވެތޯ ސުވާލު އުފައްދަމުންދެއެވެ. ނަމަވެސް މިކަމާ ގުޅިގެން ރަންވީރު އެއްޗެކޭ ބުނަފައެއް ނުވެއެވެ.

ރަންވީރާއި ދީޕިކާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގައެވެ. އެ ދެ ފަންނާނުންނަކީ ވަރަށް އުފާވެރި ދެމަފިރިން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އާންމުންގެ ކުރިމަތީގައި އެ ދެމަފިރިން ފެންނަނީ ވަރަށް ލޯބިން އުޅޭ މަންޒެރެވެ. އެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭ ކަން ވެސް މި ފަހުން ހާމަކޮށްފައިވެއެވެ.