ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ އިހުސާސްކުރެވޭ ފިނި ހޫނުމިން މިއަދު ވެސް ހުރީ 40 ޑިގްރީ ސެލްސިއަސްއިން މަތީގައި ކަަމަށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް)އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު 11:00ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް ދީފައެވެ.

މެޓް އޮފީހުން ކުރި ބުނިގޮތުން ހދ. ހަނިމާދޫގެ ފިނިހޫނުމިން 33 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 44.8 ގައެވެ. މާލެ ސަރަހައްދަށް ފިނިހޫނުމިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.2 ގައެވެ.

ލ. ކައްދޫ ފިނިހޫނުމިން 32.8 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 45 ގައެވެ. އައްޑޫ ސިޓީ ގަމުގައި ފިނިހޫނުމިން 32.3 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43 ގައެވެ.

ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 32.4 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 45.4 ގައެވެ.

މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަދިވެސް ހޫނުގަދަ ނަމަވެސް، ބޯކޮށް ވާރޭވެހޭ ހުޅަނގު މޫސުން މިހާރު ދެކުނަށް ފެށިފައިވާ ކަމަށް އިއްޔެ މެޓް އޮފީހުން ވަނީ ބުނެފައެވެ.

ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ