އިނގިރޭސިވިލާތާއެކު ގުޅުން އިތުރަށް ބަދަހިކުރުމަށް މި ސަރުކާރުން އިސްކަންދޭނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮ ދަ އިންޑޯ-ޕެސިފިކް، ދަ ރައިޓް އޮނަރަބަލް އޭން-މެރީ ޓްރެވެލިޔަން، އެމް.ޕީ ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާތާރުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި، އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން އިސްކަން ދެއްވާކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުގެ އިންޑޯ-ޕެސިފިކްގެ ސްޓޭޓް މިނިސްޓަރު އޭން-މެރީ ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެ ގައުމު ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ސާފު ހަކަތަ ހޯދުމުގައިހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހަރުދަނާ ގޮތެއްގައި ފިޔަވަޅުއެޅުމަށް ބައިނަލްއަގްވާމީ ސިޔާސަތުތައް ކަނޑައެޅުން ފަދަ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއަރަމުންދާކަން ފާހަގަކުރައްވައި އޭވިއޭޝަން ސެކިއުރިޓީ ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށްވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަގޭޚިޔާލުމީ

    "ގުޅުން އިތުރަށް ބަދަހިކުރުން" އަބަދުވެސް މިކަން. ދެމީހަކު ބައްދަލުކޮށްލާ ކޮންމެ ފަހަރަކު މިއޮންނަނީ "ގުޅުން އިތުރަށް ބަދަހިކުރުން" ކޮންކަމެއްތަ ވަނީ؟ މިނޫން އެހެން އެއްޗެއް ކިޔަންވީނު. ހާލު ބަލައިލުން، މޫނު ދެކެލުން، އެހީއެއް ވެދޭތޯ އަހައިލުން، ކަމެއް ކޮށްދޭތޯ ބަލައިލުން.