އިހްސާސްކުރެވޭ ފިނިހޫނުމިން މިއަދު ވެސް އެންމެ މަތީ މާލެ ސަރަހައްދުގައި ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން ހާމަކުރި ގޮތުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު ވެސް ހުރީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މިއަދު 11:00 ޖެހިއިރު އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވުނު ހޫނުމިން:

  • ހދ. ހަނިމާދޫ - 43.9 ޑިގްރީ ސެލްސިއަސް
  • ކ. ހުޅުލެ - 44.3 ޑިގްރީ ސެލްސިއަސް
  • ލ. ކައްދޫ - 43 ޑިގްރީ ސެލްސިއަސް
  • ގދ. ކާޑެއްދޫ - 34.7 ޑިގްރީ ސެލްސިއަސް
  • ލ. ގަން - 41.4 ޑިގްރީ ސެލްސިއަސް

ފިނި ހޫނުމިނަށް ބަލާއިރު އެންމެ މަތީގައި އުޅެނީ ހަނިމާދޫ ސަރަހައްދެވެ. ހަނިމާދޫގައި ފިނިހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގައެވެ.

މާލޭގެ ފިނި ހޫނުމިން 32.6 ޑިގްރީ ސެލްސިއަސްގައި އުޅޭއިރު ލ. ކައްދޫގެ ފިނި ހޫނުމިން އުޅެނީ 32.1 ޑިގްރީ ސެލްސިއަސްގައެވެ. އަދި ކާޑެއްދެ ފިނިހޫނުމިން 28 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އައްޑޫ ސިޓީ ގަމުގެ ފިނިހޫނުމިން ހުރީ 31.5 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، މާރިޗް-އޭޕްރީލްއަކީ މި އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރަކީ "އެލްނީނޯ" އަހަރެއް ކަމަށް ވުމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަން ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ލަފާކުރާކަމަށް މެޓްއިން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، މިހާރު ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިފައިވާ ކަމަށާއި މި އަހަރުގެ ހުޅަނގު މޫސުމުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަަފާ ކުރެވޭ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.