ފާއިތުވީ 6 އަހަރުތެރޭ ޖިންސީ ކުށުގެ 2،000 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަކާ ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނާގޮތުން، ޖިންސީ ގޯނާކޮށްގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރަން ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތަކެވެ.

އެގޮތުން ފާއިތުވީ 6 އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަކުގެ އަދަދުތަކަކީ:

  • 2018 ވަނަ އަހަރު 362 މައްސަލަ
    2019 ވަނަ އަހަރު 410 މައްސަލަ
    2020 ވަނަ އަހަރު 487 މައްސަލަ
    2021 ވަނަ އަހަރު 342 މައްސަލަ
    2022 ވަނަ އަހަރު 334 މައްސަލަ
    2023 ވަނަ އަހަރު 234 މައްސަލަ

ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ޖުމުލަ 47 މައްސަލައެއް އެ މުއްދަތުގައި ހުށަހަޅާފައިވާއިރު ކޯޓުން ސާބިތުވެފައިވަނީ 10 މައްސަލައެއް ކަމަށާއި އަދި 8 މައްސަލައެއް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް ދައުލަތުގެ ހުރިހާ ސިއްހީ އިދާރާތަކަށް ފޯރުކޮށްދީފައި ނުވާތީ، ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރޭޕް އެވިޑެންސް ކިޓް 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށް އަނިޔާ ލިބޭ ފަރާތް ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންގޮސް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ޤާއިމުކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިފަދަ މައްސަލަތަކުގައި ސައިކޮލޮޖިސްޓަކަށް ދައްކައިގެން ހަދަންޖެހޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހެދޭނެފަދަ ހިދުމަތްދޭ ތަންތަން ރާއްޖޭގައި މަދުވުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި އެފަދަ ހިދުމަތްތައް ހޯދުމުގައި ދަތިކަން ކުރިމަތިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ދީނުގައި އޮންނަގޮތައް ހެދުންއަޅައި ދެޖިންސުގެ ތެމެދުގައިއޮންނަ ގުޅުން ދީނުގެތަރަހައިން ބޭރުނުކުރޭ ތިކަހަލަކުށްތައް ހުޓުވަން ބޭނުންނަމަ!

    3
    1