އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ކުރި އިއުލާނެއްގައި ބުނީ"އައިވީއެފް" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައިގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސައި ދެވޭނެ ކަމަށް ބުނެފައިވެއެވެ.

ފޯމު ހުށަހެޅުން

"އައިވީއެފް" ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެ އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް nspa.gov.mv) ،(aasandha.mv)) މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށް ވައިބަރ ކުރަން ޖެހެއެވެ.

އާސަންދަ ޑިޖިޓަލް ޕޯޓަލް (my.aasandha.mv) މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
މިކަމާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، އެ އެޖެންސީގެ ހޮޓްލައިން 1402 ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އެދިފައެވެ.

"'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" އެ އެޖެންސީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.