ގޯތި ދިނުމަށާއި ފްލެޓް އެޅުމަށާއި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަކީ ބާތިލް އަމުރެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ވަގުތީ އަމުރު ތަންފީޒުކުރުން މަޑުޖައްސާލަން އަމުރު ކޮށްފައެވެ. މި އަމުރާއެކު ކުރީގެ ސަރުކާރުން ރާވާފައިވާ ފަރަށް ގުޅީފަޅު ހިއްކުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ގުޅީފަޅު ހިއްކުމުގެ ސަބަބުން ވަށައިގެންވާ ސަރަހައްދަށާއި ހިމާޔަތްކުރެވިފައިވާ ކަނޑުއަޑީގެ ބައެއް ތަންތަނަށް އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމަށް ބުނެ މި މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓެއް ކަމުގައިވާ ޙުމައިދާ ޢަބްދުލްޣަފޫރެވެ.

މި މައްސަލައާ ގުޅިގެން ހުމައިދާގެ ފަރާތުން ގުޅީފަޅު މަޝްރޫއު ވަގުތީ ގޮތުން ހުއްޓުވުމަށް އެދި ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުމުން އެކޯޓުން ވަގުތީ އަމުރެއް ނެރެދީފައެއް ނުވެއެވެ. އެ ނިންމުން ހައިކޯޓުގައި ހުމައިދާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ. ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ ވަގުތީ އަމުރު އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ވަނީ މި އަމުރު ތަންފީޒު ކުރުން ލަސް ކުރުމަށް އަމުރެއް ނެރެފައިވެއެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރަކީ އުސޫލުތަކަކާއި އެއްގޮތަށް ނެރެފައިވާ އަމުރެއްތޯ ނުވަތަ ނޫންތޯ ބެލުން ކަމުގައި ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި ދެން ހުރި އިސްތިއުނާފީ ނުކުތާތަކަކީ މައުޟޫއީ މައްސަލައާ ގުޅުން ހުރި ނުކުތާތަކެއް ކަމުގައި ވާތީ އެކަންކަމާ އިސްތިއުނާފީ މަރުހަލާގައި ގޮތެއް ނިންމާނެ ތަނެއް ނެތްކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައި ވަނީ މި މައްސަލާގައި ވަގުތީ އަމުރެއް ނެރެދީފިނަމަ ދައުލަތަށް ލިބިގެންދާނެ މާލީ ގެއްލުމަށް ހައިކޯޓުން އެއްވެސް މިންވަރަކަށް ރިޢާޔަތް ކޮށްފައި ނުވާކަމަށެވެ. އެގޮތުން މި މަޝްރޫއު ހުއްޓުވައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ކޮންމެ ގަޑިއިރަކަށް 15،300 ޔޫރޯ ކޮންޓްރެކްޓަރަށް ދައުލަތުން ދައްކަންޖެހޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރިޔާސަތުގައި ބެއްލެވުނު މި މައްސަލާގައި ބައިވެރިވެވަޑައިގެންނެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމްގައި ވަނީ ހައިކޯޓުން ނެރުނު ވަގުތީ އަމުރަކީ ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ ވަގުތީ އަމުރެއް ކަމުގައެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ބިޑަކާ ނުލައި ހަވާލުކޮށްފައި ވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގައެވެ.