ދިވެހީންގެ އެހީގައި ސޯމާލިއާގައި "މަސްޖިދު އަލް އަދުލު"ގެ ނަމުގައި މިސްކިތެއް ބިނާކޮށް ހުޅުވައިފިއެވެ.

އެ މިސްކިތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިއަށް ގެންދާ ޞަދަޤާ ޖާރިޔާ ޕްރޮޖެކްޓުގެ ދަށުން ސޮމާލީލޭންޑުގައި ދިވެެހިންގެ ނަމުގައި ބިނާކުރި މިސްކިތެކެވެ.

އެއީ ޖުމްލަ 600 މީހުން ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގައި އެތަށް ފަޤީރު ކުދިންނަށާއި އަންހެނުންނަށް ހިލޭ ޤުރުއާނާއި އިސްލާމީ ތައުލީމު ފޯރުކޮށް ދެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޖުތަމަޢުގެ އަޚްލާޤީ އަދި ރޫޙާނީ މަސްއޫލިއްޔަތު އަހުލުވެރިކުރުމަށާއި، ރިވެތި އަޚްލާޤާއި ހެޔޮކަން ހަރުދަނާ ކުރުމަށްޓަކައި އެކިއެކި ވިލެޖު ތަކަށް މި މިސްކިތުގެ ޓީމްތަކުން ދާނެއެވެވ. އަދި ގުރޫޕް ދަޢުވާ ޕްރޮގްރާމްތައް ވެސް އެތަނުގައި މިހާރު އަންނަނީ ހިންގަމުންނެވެ.

ސޯމާލިޔާގައި ބިނާކުރި މިސްކިތުގައި އިމާމަށް ކޮޓަރިއަކާއި ފާހާނާ އާއި ވުޟޫ ކުރުމަށް ހާއްސަ ސަރަހައްދެއް ހުރެއެވެ. ކާޕެޓް އަޅައި އެމްޕްލިފަޔަރ އަދި ހަތަރު ލައުޑް ސްޕީކަރު ހަރުކޮށްފައިވާ އެ މިސްކިތުގައި ވާރޭފެން ނަގައި ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކޮށް ޓޭންކުތަކުން ފެން ނެގުމަށް ޕަންޕުވެސް ވަނީ ހަރުކުރެވިފައެވެ.

އައިއޭސީން ބުނީ އެ މިސްކިތް އަދިވެސް އިތުރަށް ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކަށް ޞަދަޤާ ޖާރިޔާ ޕްރޮޖެކްޓުތަކަށް ޙާއްސަ ކުރެވިފައިވާ ހޮޓްލައިން 9458822 އަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެއެވެ.

އައިއޭސީން މީގެ ކުރިން ވެސް ވަނީ އެކި ގައުމުތަކުގައި ދިވެހިންގެ ނަމުގައި މިސްކިތް ބިނާކޮށްފައެވެ. އެގޮތުން މީގެ ދެމަސްކުރިންވެސް އައިއޭސީއިން ވަނީ ދިވެހިންގެ ނަމުގައި މިސްކިތެއް ބިނާކޮށް އެތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައެވެ.