ޏ. ފުވައްމުލަކުން ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމައިފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ އެ ސިޓީގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ހަމަހަމަކޮށް ބިން ދޫކުރުމާއި ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ދަނޑުވެރިކަމަށް ބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުސޫލު ވެސް ފާސްކޮށް މިހާރު އާންމުކޮށްފައިވާ ކަމަށެވެ.
އެ އުުސޫލުގެ ދަށުން ބިންތަކެއް ދޫކުރަން ހުޅުވާލައި ޝައުގުވެރިވާ ފަރާތްރަކަށް ކުރިމަތިލުމުގެ އަންނަ މަހުގެ 13 އާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާއިރު 6862828 ނަންބަރަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ދަނޑުވެރި ކަމަށް ފުވައްމުލަކުން ބިން ދޫކުރާ އިރު އެންމެ ބޮޑު ސައިޒަކަށް ދޫކުރާނީ 10،000 އަކަފޫޓްގެ ބިމެވެ.
ފުވައްމުލަކުގައި އާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާ، ފަޅޯ، ބަށި، މިރުސް އަދި ކިއުކަމްބާ ހިމެނެއެވެ.
ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން "ދަނޑުވެރި މަންފާ" ސްކީމް އިއުލާނުކޮށް، އެ ސްކީމަށް ކުރިމަތިލުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ.
ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ވިދާޅުވީ، ދަނޑުވެރިންނަށް ފައިދާވާނެ ގޮތަށް ކަންތައްތައް މަގުފަހިކޮށްދިނުމާއި، ދަނޑުވެރިިކަން ކުރިއެރުވުމަށްކުރާ ކަންތައްތަކަކީ ވަރަށް އިސް ދައުރެއް އަދާ ކުރާ ކަންތައްތައް ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން މިއަދު ހުޅުވާލާ ގްރާންޓްސް ސްކީމަކީ އެ ވުޒާރާ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރު އޭޕްރިލް ވެވުނު އެއްބަސްވުމުގެ ދަށުން 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާަންޓް ސްކީމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސްކީމް ކުރިއަށް ގެންދަނީ މެޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ހއ. ހދ. އަދި ށ. އަތޮޅުގެ ތެރެއިން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕްރޭޓިވް ސޮސައިޓީތަކަށެވެ.
މި ސްކީމްގެ ފުރަތަމަ ބުރު ހުޅުވާލަން ނިންމާފައި ވަނީ ދަނޑުވެރި ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރި ތަކެތި އުފެއްދުމަށެވެ. މިގޮތުން މިއީ ހައިޑްރޯފޯނިކް ސިސްޓަމް އުފެއްދުން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލި ހުޅުވާލުމެއް ކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.