ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ 1650 އަކަފޫޓުގެ 663 ގޯތި ބަދަލުކުރާ ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާ އިން މިއަދު ވިދާޅުވީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހަޅުއްވާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ގޮތުން އެ މިނިސްޓްރީން 27 މެއި 2024ގައި ކޮށްފައިވާ އިޢުލާނުގައި 1650 އަކަފޫޓުގެ ގޯތީގެ އަދަދުގެ ގޮތުގައި ބަޔާންކުރެވިފައިވަނީ 663 ކަމަށާއި އެހެންނަމަވެސް، ރަނގަޅު އަދަދަކީ 683 ކަމަށެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތުގައި އެކަމަށް 2،210 ފަރާތަކުން ވަނީ ހުށަހަޅައިފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުން ކަމަށެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން:

1250 އަކަފޫޓުގެ 193 ގޯތި
1650 އަކަފޫޓުގެ 683 ގޯތި
2050 އަކަފޫޓުގެ 487 ގޯތި
2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ކުރިމަތިލި މީހުންގެ އަދަދުތައް:
1250 އަކަފޫޓުގެ 1،093
1650 އަކަފޫޓުގެ 880
2050 އަކަފޫޓުގެ 234
2450 އަކަފޫޓުގެ 3

އެ ވުޒާރާއިން ވިދާޅުވީ، ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1250, 1650 އަކަފޫޓުގެ ގޯތި ލިބިފައިވައިވާ ފަރާތްތަކުގެ މެދުގައި ކަަމަށެވެ. މި ގުރުއަތު ނެގުން އޮންނާނީ ޖޫން ހަތަރެއްގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުންކަމަށާއި އެ ގުރުއަތު ނެގުން އޮންނާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތިއެވެ. އަދި މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅަށް ކަމަށްވެސް ވިދާޅުވިއެެވެ.