އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ދަށުން ބޭސްފަރުވާގެ ޚިދުމަތް ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް ތައްޔާރީތައް ކުރިއަށްދާ ކަމަށް އާސަންދައިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ ސީއީއޯ އައިމިނަތު ޒީނިއާ ވިދާޅުވީ، ރާއްޖޭގައި ލިބެން ނުހުންނަ ޚިދުމަތްތައް ލިބޭ ކަހަލަ ތަންތަން ހޯދައި އެފަދަ ތަންތަނަށް ފަރުވާ ބޭނުންވާ ދިވެހީން ފޮނުވުމަކީ ރައީސް މުއިއްޒުގެ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އެގޮތުން ޔޫއޭއީ އަދި ތައިލޭންޑުގައި އާސަންދައިގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

"މިހާރު މިފޮނުވަނީ އިންޑިއާ ސްރީލަންކާ އެކަނި، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެއްގައުމު ދެގައުމަކަށް ބަރޯސާ ނުވެ ދިވެހީން ގިނައިން ދަތުރު ކުރާ ގައުމުތައް އާސަންދަ ސްކީމްގެ ތެރެއަށް ލިބޭ ކަހަލަ ގޮތްތަކެއް ހެދުން. އެގޮތަށް ތައިލެންޑް، ނޫނިއްޔާ ދުބާއީ ޔޫއޭއީގައި މި ޚިދުމަތްތައް ފައްޓަންވެގެން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން މިހާރު ކުރިއަށް އެބަގެންދަން." ޒީނިޔާ ވިދާޅުވިއެވެ.

ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ސްކީމްގެ ދަށުން ބަލި މީހުން ފޮނުވަން ނިންމެވި ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، އެއަރޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީ ވަންދެން ދިވެހީން ދާނީ، ދުބާއީ އާއި ބެންކޮކްގައި ހުންނަ ކަހަލަ މާ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ކަމަށެވެ. އަދި އެތަންތަނުގައި ހުރުމަށް ދާ ހަރަދު ވެސް އާސަންދައިން ކަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް އާސަންދަ ސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ރައީސް މުއިއްޒު ނިންމަވާފައިވާތީ، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ވަނީ މީގެ ދެ މަސް ކުރިން ވެސް ބުނެފައެވެ.