ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް މޯލްޑިވްސް އިޖިމްރޭޝަންގެ އަންހެން އޮފިސަރުން ނިކުމެއްޖެއެވެ.

އިމިޖްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީ އަންހެނުން ބަލައި ފާސްކުރުމަށް މާލެއާއި ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނުގައި ބައިވެރިވެފައިވަނީ މުޅިން ވެސް އިމިގްރޭޝަންގެ އަންހެން އޮފިސަރުން ކަމަށެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދުގެ އިރުޝާދާއި އެއްގޮތަށް، އިމިގްރޭޝަންގެ ދިގު ތާރީހުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ރެއިޑް އޮޕަރޭޝަން ކަމަށް އެ މުއައްސަސާއިން ބުނެއެވެ.

އެ އޮޕަރޭޝަންގައި މާލޭގެ އަށް ތަނަކާއި، ހުޅުމާލޭގެ ހަ ތަނެއް ބެލުމަށްފަހު، އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާންނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އޭގެތެރޭގައި ފާހަަގަ ކޮށްލެވެނީ، ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް މިނިސްޓްރީއިން "ނެޝަނަލް ޓާސްކް ފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އެކުލަވާލައިފައެވެ. އަދި މި ޓާސްކް ފޯހުން މިހާތަނަށް ވަނީ ޖުމްލަ 33 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެގޮތުން މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިއަ 1700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލާފައެވެ.

އިމިގްރޭޝަން ބުނީ އެ މުއައްސަސާގެ މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށް، އެފަދަ ބިދޭސީންގެ ސަބަބު ދިމާވާ އެކިއެކި އުނދަގޫތަކުން މުޖުތަމައު ރައްކާތެރިކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށެވެ.