ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވި ފަހުން 100 މިލިއަން ރުފިޔާގެ މަސްތުތާކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ކަސްޓަމްސްއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

އެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 51 ކިލޯގެ މަސްތުވާތަކެތި ވަނީ އެ މުއްދަތުގައި އަތުލާފައެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 100 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި 18،855 ގްރާމްގެ ކޮކޭން ވަނީ އަތުލައިގަނެފައެވެ. އަދި 7،400 ގްރާމްގެ ހެރޮއިން ވެސް އަތުލައިގަނެފައިވެއެވެ.

ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތި:

  • ހޭޝް އޮއިލް - 910 ގްރާމް
  • ކެނަބިސް - 101.80 ގްރާމް
  • މެތެމްފެޓަމިން - 4،714 ގްރާމް
  • ސިންތެޓިކް ކެތިނޯން - 13،536 ގްރާމް
  • އެމްޕެޓަިން - 451 ގްރާމް
  • ސިންތެޓިކް ކެނަބިނޮއިޑްސް - 25 ގްރާމް
  • ކޮކޭން - 18،855 ގްރާމް
  • ހެރޮއިން - 7،400 ގްރާމް
  • އެމްޑީއެމްއޭ - 1،152 ގްރާމް
  • މެފެޑްރޯން - 3،870 ގްރާމް

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާއިރު، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި މިހާތަނަށް ވަނީ އަތުލައިގަނެފައެވެ.