ނިމިދިޔަ މާޗު މަހުގައި ވައްކަމުގެ 244 މައްސަލަ އަދި މަސްތުވާތަކެތީގެ 88 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މާޗު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 759 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • – ވައްކަން ކުރުމުގެ 244 މައްސަލަ
  • – ޓްރެފިކް އެކްސިޑެންޓު 169 މައްސަލަ
  • – މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލަ
  • – މަކަރާއި ހީލަތް ހެދުން 25 މައްސަލަ
  • – ޖިންސީ ގޯނާގެ 13 މައްސަލަ
  • – އަނިޔާ ކުރުމުގެ 30 މައްސަލަ
  • – ގެވެށި އަނިޔާ 18 މައްސަލަ
  • – ފޭރުމުގެ 36 މައްސަލަ
  • – ފޯޖް ކުރުމުގެ 12 މައްސަލަ
  • – މަސްތުވާތަކެއްޗާ ގުޅޭ 88 މައްސަލަ
  • – އެއްޗެހި ގެއްލުމުގެ 78 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދު ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އެކްސިޑެންޓްގެ މައްސަލަތައް ވެސް ގިނައެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.