1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމައްޓަކައި މިއަދު ރާއްޖެއިން ފުރި ހައްޖާޖީން ތިބީ ހެޔޮ ހާލުގައި ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މި އަހަރު ހަައްޖު އަޅުކަމުގައި ބައިވެރިވަޑައިގަންނަވާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ފުރައިފައިވަނީ އިއްޔެ މެންދުރުފަހު 15:51ގައި ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުންނެވެ. އެ ފްލައިޓް ޖިއްދާގައި ޖެއްސީ ރޭ 9:12 ގައެވެ.

ޝަހީމު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ފުލައިޓުން ދަތުރު ކުރި ހުރިހާ ހައްޖާޖީން ތިބީ ގަދަވެ ހެޔޮ ހާޅުގައި ކަމަށާއި، ދިވެހި ޙާޖީން، ޖިއްދާ އެެއާޕޯޓުން ނިކުމެ މިހާރު ބަސް ތަކަށް އަރާފައިވާ ކަމަށެވެ. ހަމައެއާއިއެކު އެއް ގަޑިއިރުގެ ބަސް ދަތުރަށްފަހު ހާޖީންނަށް ހޮޓަލާއި ހަމަޔަށް ދެވޭނެ ކަމަށެވެ.

https://x.com/Mohamedshaheem1/status/1796587712801296706

ޝަހީމް ވިދާޅުވި ގޮތުގައި ޖިއްދާ އެއާޕޯޓަށް ހައްޖާޖީންގެ ފުރަތަމަ ފުލައިޓު ޖެއްސިއިރު މޯލްޑިވްސް ހައްޖުކޯޕަރޭޝަން، ދިވެހި ހައްޖު މިޝަން، ދިވެހި އެމްބަސީގެ މަންދޫބުން ޖިއްދާގެ އެއާޕޯޓްގައި ޙާޖީންގެ ޚިދުމަތުގައި ތިއްބެވިއެވެ.

ޖުމްލަ 1000 ހައްޖުވެރިން މި ދަތުރުތަކުގައި ބައިވެރިވާއިރު އޭގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ އުސޫލުގެ ތެރެއިން، ބޮޑެތި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންގެ އެހީތެރިންނާއި އަދި 70 އަހަރުން މަތީގެ ބޭފުޅުންނަށް ކަނޑައެޅުނު އެހީތެރިންނާއި އަދި ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހައްޖަށް ގެންދާ 50 ފަރާތްތައްވެސް ހިމެނެއެވެ.

ދިވެހި ހައްޖާޖީންގެ ފުރަތަމަ ގުރޫޕު ފުރުން — ވަގުތު އިމޭޖަސް: ހުސައިން ރިޔާޝް

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރުގައި ހައްޖުވެރިންގެ ކަންކަން ވަރަށް ފުރިހަމައަށް ވަނީ އިންތިޒާމު ކޮށްފައެވެ، އެގޮތުން ހައްޖާޖީން އެމްޓީސީސީގެ ބަސްތަކުގައި އެއާޕޯޓަށް ގެންގޮސްދިނުމާއި ލަގެގްތައް އުފުލުމުގެ އިތުރުން އެއާޕޯޓު ތެރޭގައިވެސް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި. ސަރުކާރުގެ ކުންފުނިތަކާއި، ގާލްގައިޑް އެސޯސިއޭޝަން، ސްކައުޓް އެސޯސިއޭޝަން، ކެޑޭޓްކޯޕްސްގެ އިތުރުން ޖަމިއްޔާ ތަކުން ވަނީ ފޯރިކޮށްދީފައެވެ.

ސައުދީ އެއާލައިންސްގެ ޑައިރެކްޓް ފްލައިޓްގައި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު ފުރިިއިރު، ދެވަނަ ފްލައިޓް ފުރާނީ ޖޫން ތިން ވަނަ ދުވަހެވެ. އަދި ތިން ވަނަ ފްލައިޓް ފުރާނީ ޖޫން ހަތް ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙުކުމް

    ޙަމަ ތިހުރިހާ ޚިދުމަތެއް 2022 އަހަރު އަޅުގަނޑު މެނަށް ވެސް ލިބުނު، ތީކީ މިހާރު އެކަނި ކުރިކަމެއް ނޫން، މާބޮނޑި ހިފައިގެން ހޮޓަލުގަ މަރުޙަބާ ކިޔަން ވެސް ތިބި