ދިއްގަރުން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1500 (ފަނަރަސަތޭކަ) އަކަފޫޓްގެ 70 (ހަތްދިހަ) ގޯތި ދޫކުރުމަށް ނިންމައިފިއެވެ.

ދިއްގަރު ކައުންސިލުން ބުނީ ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ޖޫން 02 ވާ އާދީއްތަ ދުވަހުން ފެށިގެން ރަސްމީގަޑީގައި ކައުންސިލް އިދާރާ އާއި އިދާރާގެ ވެބްސައިޓް އިން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ޖޫން 23 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖުލައި 11 ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ވެސް ހެނދުނު 9.30 ން 12.00 އަށް ފޯމް ބަލައިގަންނާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ދިއްގަރުން 70 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ)އާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

ދިއްގަރުގައި ހައުސިން ޔުނިޓު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ދިވެހި ސަރުކާރުންނާއި ޕީއެސްޕީން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 117 މިލިއަން ރުފިޔާއަށް ޖުމްލަ 420 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ސްޓޯރ ރޫމާއި، ލޯންޑްރީ އާއި ކާގެ ހިމެނޭ ގޮތަށް 1000 އަކަފޫޓު ކޮންމެ އެޕާޓުމަންޓެއްގައި ހުންނަންޖެހެއެވެ.

މީގެ އިތުރުން، އެ އިމާރާތްތަކުގެ ވަށާފާރާއި، އެ ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފައްސޭހަ ކުރުމަށް ވަށައިގެން ލައިޓްވެސް މި މަޝްރޫއުގެ ދަށުން ހަރުކުރަންޖެހެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއްވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓިން-މޭން

    ނިމިދިޔަ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި ކެންދޫ އަލީ ހުސައިން ގެ މައުލޫމާތަށް އަދި ސަމާލުކަމަށް. މަނިކުފާނުގެ ޓުވީޓެއްގެ އިންތިޒާރުގާއި އެބަ ހުރީމެވެ.

  2. މެންސާ

    ރާއްޖޭގެ އެއްމެނަށްވެސް ކުރިމަތިލެވޭގޮތަށް އޮންނާނީ....އެކަމު ދޭނީހުސް ދިއްގަރުމީހުނަށް ބަލަންތިބޭ....އެއީ މިހާރު ރާއްޖެ ތެރޭމީހުން ޖައްސާ ގޭމެއް....