ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހދ. މަކުނުދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވަނީ ވެހިފައެވެ.

މެޓްއިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ މަކުނުދޫއަށެވެ. އެގޮތުން މަކުނުދޫއަށް 5.6 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އއ. ތޮއްޑޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށެވެ.

ރާއްޖޭގެ މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުން މެޓުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.