ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާ މަރާލި މައްސަލައިގައި، ކްރިމިނަލް ކޯޓުން މަރަން ހުކުމް ކޮށްފައިވާ ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފަށް ތައުޒީރީ އަދަބެއްގެ ގޮތުގައި 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ވިލިމާލޭ ޕާކްތެރޭގައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ އަބްދުالله ނަޒީފުގެ އިތުރުން ވ. ފަޒީލާމަންޒިލް، މުހައްމަދު ޝިފާއުގެ މައްޗަށެވެ.

މި މައްސަލާގައި 2017 ވަަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިރުޒާ މަރާލީ ނަޒީފުކަން ސާބިތުވާ ކަމަށާއި އަދި މަރުގެ ބަދަލުގައި މިރުޒާގެ ހުރިހާ ވާރިސުން ޤިޞާޞް ހިފަން ބޭނުންވާތީ ނަޒީފު މެރުމަށެވެ. މި މައްސަލަ ނަޒީފުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި ސުޕްރީމް ކޯޓުގައި ވެސް މި މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުންވެސް ނިންމީ ހައިކޯޓުގެ ހުކުމަށް ތާއިދު ކުރާށެވެ. އަދި ސުޕްރީމް ކޯޓުގެ މަރުހަލާގައި އާއިލާއިން ނަޒީފަށް މައާފު ދީފައިވާތީވެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ތަހުވީލު ކުރުމަށް ސުޕްރީމް ކޯޓުން ނިންމެވިއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ތައުޒީރީ އަދަބެއް ކަނޑައެޅުމަށް ތަހުވީލު ކުރުމުން، ކްރިމިނަލް ކޯޓުގެ މައްސަލަ ބެއްލެވި ގާޒީ ނިންމެވީ 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅުމަށެވެ. މަރުގެ މައްސަލައެއްގައި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ 10 އަހަރަށް ޖަލަށްލުމެވެ. ނަމަވެސް މި މައްސަލައަކީ އަނިޔާވެރި ގޮތަކަށް ހިންގާފައިވާ މައްސަލަ އަކަށްވުމުން، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ އަދަބު ތިން ދަރަޖަ މަތި ކުރަން ޖެހޭނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ނަޒީފު ބަންދުކޮށްފައިވަނީ 13 އެޕްރީލް 2011 އެވެ. އެގޮތުން މިހާރު އޭނާ ބަންދުގައި ހުންނަތާ 13 އަހަރާއި އެއް މަހާއި 16 ދުވަސްވެފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ދަށުން އެ މުއްދަތު އޭނާގެ އަދަބުން އުނިކުރުމުން، މިހާރު އޭނާ ތަންފީޒު ކުރަންޖެހޭނީ 4 އަހަރާއި 5 މަސްހާއި 14 ދުވަހުގެ ޖަލުއަދަބެކެވެ. އަދި މީގެ އިތުރުން މަރުގެ ކައްފާރާއެއްގެ ގޮތުގައި ދެ މަސްދުވަހު ރޯދަ ހިފުމަށްވެސް އަމުރުކޮށްފައިވެއެވެ. އަދި މަރުގެ ދިޔައަށް މިރުޒާގެ އާއިލާއިން އެދޭނަމަ ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުމުގެ ހައްގު އޮންނާނެ ކަމަށް ވެސް ގާޒީ ފާއިޒު ފާހަގަކުރެއްވިއެވެ.

އުމުރުން 25 އަހަރުގެ މިރުޒާއަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މިރުޒާ ނިޔާވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަަރުވާދެމުން ދަނިކޮށް 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިޔާމު

    މިރުޒާ އަކީ މަގޭ ވަރަށް ގާތް ރަހުމެއް ތެރިއެއް.ހުރިހާ މީހަކާ ގުޅޭ މިތުރެއް.އަދިވެސް މިރުޒާގެ މަތިން ހަދާން ވޭ.ކޮންމެ އިރަކުވެސް ގުޅިޔަސް ފޯނު ނަގާނެ.އަދި މަސެއް ކަތެއް ހަވާލު ކުރިޔަސް އެކަމެއް ބަރާބަރައް ނިންމާނެ.ވަރަށް ހަދާންވޭ.މިރުޒާ އައް ސުވަރުގެ މިންވަރު ކުރައްވާށި އާމީން

  2. އާދަންބެ

    13 އަހަރުން އިއްވުނު ހުކުމެއް. ގާޒީންވެސް ކެތްގަދަ