މި އަހަރު ހައްޖަށް ފުރާ ފަރާތްތަކަށް އެހީތެރިވުމަށް ސިފައިންގެ ފަރާތުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި 1445 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
"ޙައްޖު އޮޕަރޭޝަން 2024" ނަމުގައި ކުރިއަށް ގެންދާ އެ އޮޕަރޭޝަނަކީ ސަރުކާރުން ހައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޖާޖީން ރާއްޖެއިން ފުރާ ދުވަސްތަކުގައި، މާލެއިން އެއާޕޯޓަށް ކުރާ އެއްގަމު ދަތުރު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއާޕޯޓުގަައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެއާޕޯޓު ޓާމިނަލްގައި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ހަމައެއާއެކު، ހަައްޖާޖީން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ސިފައިން މަސައްކަތްކުރާނެ ކަމަށެވެ.