ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫއު ފަށައިފިއެވެ.

މި މަޝްރޫއު ފެށީ ކ. މާފުށި ސްކޫލްގައެވެ. 530 ކުދިން ކިޔަވަމުންދާ އެ ސްކޫލްގައި މި މަޝްރޫއު ފެށިއިރު، މަޝްރޫއުގެ ފުރަތަމަ ފޭސްގެ ދަށުން އެރަށު ކައުންސިލުން ވަނީ އެރަށު ސްކޫލްގެ ހުރިހާ ކްލާސްރޫމަކާއި، ހޯލްގައި އޭސީ ހަރުކޮށްފައި ވެއެވެ. މި މަޝްރޫއުގެ %60 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

އަދި މި މަޝްރޫއުގެ ފޭސް ދޭއްގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެއެވެ.

މިއަދު އެރަށު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއުއެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުލާސް ރޫމުތަކުގައި އޭސީ ހަރުކުރަން ނިންމާފައިވާ ކަމަށް ވަޒީރު އިއުލާނުކުރެއްވީ މިދިޔަ މަސް ތެރޭގައެވެ.

ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މާފުށި ސްކޫލުން - ފޮޓޯ: ތައުލީމީ ވަޒާރާ

މާފުށި ކައުންސިލް ހުސެއިން ސޮލާހް ރައީސް ވިދާޅުވީ، ކްލާސްތަކަކީ ކުދިންނަށް ހިތްހަމަޖެހިގެން ތިބެވޭނެ މާހައުލަކަށް ހެދުމަކީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް ކަަމަށެވެ. އަދި މިކަމުގެ ވިސްނުން ކައުންސިލުން ގެންގުޅޭތާ ދުވަސްތަކެއް ވެފައިވާއިރު، މިއީ ކައުންސިލްގެ %100 އާމްދަނީން ކުރަން ބޭނުންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަހަރުގެ ދިރާސީ އާ އަހަރު ފެށުނުއިރު، އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން، މިދިޔަ ސަރުކާރުން އަޅުގަނޑުމެންގެ ސްކޫލްގައި 12 ކްލާސް ރޫމް އަޅަން ފެށިތާ ދެ އަހަރުވީއިރުވެސް ނުނިމި ހުރީ،" ސޮލާހް ވިދާޅުވިއެވެ.

ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މާފުށި ސްކޫލުން - ފޮޓޯ: ތައުލީމީ ވަޒާރާ

އެހެން ނަމަވެސް މި ސަރުކާރުގެ އެހީތެރިކަމާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު، އެ ކްލާސްރޫމްތަކުގައި ކިޔަވަން ވަދެވޭވަރުވެއްޖެކަން ފާހަގަކޮށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ މާފުށީގައި މި އޮތް ހަރުދަނާ، ހަލުވި އިގްތިސޯދުން ލިބޭ އާމްދަނީގެ ކޮންމެވެސް ވަރެއް، މި މުވައްސަސާތަކަށްވެސް ލިބެން ޖެހޭ ކަމެއް އަޅުގަނޑު ގަބޫލު ކުރަން،". އޭނާ ވިދާޅުވިއެވެ.

މާފުށި ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ފެށީ 10 ދުވަސް ކުރިންނެވެ. މާފުށީ ލޯކަލް އޮތޯރިޓީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ބޮޑުބައި ނިމިފައިވާއިރު، މި މަސް ނިމުމުގެ ކުރިން މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާ ސްކޫލާއި ހަވާލު ކުރެވޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ތައުލީމާ ބެހޭ ވަޒީރު ޑރ. ޝަފީއު ވިދާޅުވީ، މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

"އަދި މި ޕްރޮހެކްޓް ކުރިއަސް ގެންދިއުމުގައި އިއާދަ ކުރަނިވި ހަކަތަ، ރާއްޖެއަށް އެންމެ ރަނގަޅު ކަމަށް އަޅުގަނޑުމެންނަށް މި ބެެލެވެނީ ސޯލާ ޕެނަލްސް، އެ ހަކަތިގެ %30އަކީ އިޔާދަ ކުރަނިވި ނިޒާމަކުން ލިބޭ އެއްޗެއްގެ ގޮތުގައި ހެއްދެވި ކަމަށް އިރުޝާދު ދެއްވި،". އޭނާ ވިދާޅުވިއެވެ.

ސަރުކާރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ފެށީ މާފުށި ސްކޫލުން - ފޮޓޯ: ތައުލީމީ ވަޒާރާ

"ކޫލް ސްކޫލެއްގައި ހިތައް ފިނިކަން އަންނާނެ، އުފާވެރިކަން އިހުސާސްވާނެ، ފިނިކަމާއި އެކުގައި ދަރިވަރުންގެ ސުލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުވާނެ، ހިތްއުފާވާނެ ޖުމްލަ ގޮތެއްގައި ބުނާނެ ކަމުގައިވަނީމަ،"،

’ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށް އެ ވުޒާރާއިން މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަައސ

    ސަރުކާރުންތިކަމަށް އެއްވެސް ހަރަދެއް ނުކޮށް އެހެންބަޔަކުލައްވައި ހުރިހަާކަމެއް ކޮށްފަ ހަމަ ރީތި ނަން މިނިސްޓްރީއަށް.

    2
    4
  2. މުހައްމަދު ސައީދު

    ތަޢުލީމީ ވަޒީރު ދާންދުއަށް ވަޑައިގެންނެވި ދުވަހު ދާންދޫ ސްކޫލްގެ ގްރޭޑް 9 ގެ ބެލެނި ވެރިންތަކެއް ވަޒީރާއި ބައްދަލު ކުރަން އެދުމުން އެފުރުސަތު ނުދެއްވައި ފުރަން ވަޑައިގަންނަވަނިކޮށް ގަޓްހުރި ކަބަލުންތަކެއް މިނިސްޓަރުގެ ކުރި ބައްދައި މަޑުކުރުވައިގެން ހަރި އަޑުން ދަންނަވަމުން ދިޔަ ދާންދޫ ސްކޫލު އޭސީ ކޮށްދެއްވުމަށް . ނަމަވެސް އެދުވަހު ވަގުތު ނެތޭ ވިދާލުވެ އުޅުއްވުމުން އެކަބަލުން ދަންނަވަމުން ގެންދިޔަ ވަގުތު ނެތް އިރު ކީއްކުރަންތޯ ވަޑައިގަންނަވަނީ . މި ހެން ކިޔައި އެކަބަލުން ތައް އަޑުގަދަ ކުރަން ފެށުމުން ވަޒީރު ވިދާޅު ވި ތިކަމާ ވިސްނާނަމޭ ! އެހެން ވީމާ ސްކޫލް ގެ މުއައްޒަފުން ފީނި ކުރި ކޮޓަރީގައި ތިބޭ އިރު ދަރިވަރުންނާި މުދައްރިސުން ގުދަނެއްފަދަ ކުލާސް ރޫމްގައި ތިބުމަކީ ދެރަ ކަމެއް ކަން ވިސްނުނީ ތޯއްޗެއް މިހާރު.

    3
    2
  3. އަހު

    އެސީ ގެ އަގު ބޮޑުވީ ދޯ މިދެނަ

  4. ނުވޭސް

    ކަރަންޓް ، ކަރަންޓް ކަރަންޓް ބިލްވަނީ ބޮޑު

  5. ބަށި

    ފޭސް 2 އަށް ސްކޫލްތައް އިތުރު ކޮއްބާ

  6. ދުންނިކަ

    ތިޔައީ ކުރަންޖެހޭ ކަމެއް. ނަމަވެސް ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތައް އޭސީ ކުރުމަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް. ދެމެހެއްޓެނިވި ގޮތަކަށް ތިކަން ކުރެވޭނެ ބާއޭ ހިތަށްއަރަނީ. ކިތަންމެހާވެސް ބޭނުންތެރި ރަނގަޅުކަމެއްތީ.

    11