ޑްރޯން ބޭނުންކޮށްގެން މި އަހަރުގެ ތެރޭގައި ބޭސް ފޮނުވަން ފަށާނެ ކަމަށާއި އެންމެ ފުރަތަމަ ބޭސް ފޮނުވަނީ ތ. އަތޮޅަށް ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޝައުފާ ހުސެއިން "ވަގުތަށް" ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވުމަސް ވާން ޖެހޭ ތައްޔާރީތައް މިނިސްޓްރީން ވަމުންދާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ހާއްސަ ގައިޑްލައިނެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އެސްޓީއޯ އަދި އެހެން ޝެއާ ހޯސްޓަރުންނާއިއެކު މަސައްކަތް ކުރަމުން މި ދަނީ މިހާރު ގައިޑްލައިން ހެދުމަށް. ޑްރޯންއަކީ ދުއްވާ އެއްޗެއްވީމަ ވަކި އުސޫލުތަކެއް ބޭނުންވާނެ މި މަސައްކަތް ފަށާއިރުގައި." ޝައުފާ ވިދާޅުވިއެވެ.

ޝައުފާ ވިދާޅުވީ، ޑްރޯން ބޭނުންކޮށްގެން ރަށްރަށަށް ބޭސް ފޮނުވުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އެ މަސައްކަތް އެންމެ ފުރަތަމަ ފެށުމަށް ކަނޑައަޅާފައިވަނީ ތ. އަތޮޅަށް ކަމަށް ވިދާޅުވިއެވެ.

ރަށްރަށަށް ބޭސް ފޮނުވުމަށް ވަރަށް ބޮޑު ހަރަދެއް ހިނގައެވެ. އެހެންކަމުން ޑްރޯންއިން ބޭސް ފޮނުވަން ފެށުމާއިއެކު ހަރަދު ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަރަދު ކުޑަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް އެންމެ ރަނގަޅަށް ފުރިހަމަ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.