މަދިރީގެ ސަބަބުން ފެތުރޭ ޑެންގީ ހުން ޖެހިގެން ހަ ކުޑަ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް "ވަގުތަށް" ވިދާޅުވީ މި ދުވަސްކޮޅު މަދިރި ވަރަށް ގިނަވެފައިވުމުން މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ހުމުގެ ވޭދަނަތައް އަނެއްކާ ވެސް އިތުރު ވެފައިވާ ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ގެންދާ ކުޑަ ކުދިންގެ އަދަދު ގިނަ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި މި ވަގުތު ޑެންގީހުން ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ހަ ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން އެބަ އާދޭ ކޭސްތައް ހދ. ށ. އަދި ތ. އަތޮޅު ފާހަަގަކޮށްލެވޭ. މި ވަގުތު ހަ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން މި ދަނީ. އޭގެތެރޭގައި ހިމެނޭ އަހަރު ވެސް ނުފުރޭ ކުދިން." ފައިސަލް ވިދާޅުވިއެވެ.

ޑެންގޫ ހުމުގެ ނުރައްކާ ފާހަގަކުރައްވަމުން ޑރ. ފައިސަލް އެދިވަޑައިގަތީ މި ދުވަސްވަރު މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށެވެ.

ޑެންގީ ހުމަކީ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ބަލި ޖެހިފައިވާ މީހެއްގެ ގައިން ލޭ ބުއިމަށް ފަހު ބަލި ނުޖެހޭ މީހެއްގެ ގައިގައި މި މަދިރި ހަފައިފިނަމަ ބަލި ނުޖެހި ހުރި މީހާގެ ހަށިގަނޑުގެ ތެރެއަށް ވައިރަސް ވާސިލްވެއެވެ.

މި ބަލި ޖެހުމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުން، ގައިގައި ވަރު ދެރަވުން، ހުން އައުން، މޭނުބައިކޮށް ހޮޑުލެވުން އަދި ބޮލުގަ ރިއްސުން ހިމެނެއެވެ. ނަމަވެސް ބައެއް މީހުންނަށް މި ބަލީގެ މާބޮޑު އަލާމާތްތަކެއް ނުފެނި ރަނގަޅުވެއެވެ.