މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުންތަކަކާއި އެކީ ނޫސްވެރިއަކު ތަމްރީނު ޕްރޮގްރާމަކަށް ޕާކިސްތާނަށް ފުރައިފިއެވެ.

އެމްއެމްސީން ބުނީ އެ އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ދަތުރަކީ ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އެމްއެމްސީއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނުގެ އެމްބަސީ އާއިއެކު ވެފައިވާ މަޝްވަރާތަކުގެ ދަށުން އެ ގައުމުން ދީފައިވާ ފުރުސަތެއް ކަމަށް އެމްއެމްސީން ބުނެއެވެ.

އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ "އިންފޮމޭޝަން ސާވިސް އެކަޑަމީ" ގައެވެ. އެމްއެމްސީން ބުނީ އެ ތަމްރީންގައި ކައުންސިލްގެ ފަރާތުން ބައިވެރިވަނީ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާގެ އިތުރުން މީޑިއާ ތަމްސީލްކުރައްވާ މެންބަރުން ކަމަށްވާ މޫސާ ރަޝީދު، މެންބަރު މުހައްމަދު ސިމާއު އަދި މެންބަރު މުހައްމަދު އަފްރާހް ކަމަށެވެ.

އަދި މީޑިއާތަކަށް ހުޅުވާލި ފުރުސަތުގައި ނޮމިނޭޓްފެވައިވާ ނޫސްވެރިޔާ އިބްރާހިމް ސަނީހް ވެސް އެ ދަތުރުގައި ބައިވެރިވާ ކަމަށެވެ.

އެ ދަތުރުގައި ތަމްރީނުތަކުގެ އިތުރުން އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމާއި މީޑިއާއި ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން ވެސް އޮންނާނެ ކަމަށް އެމްއެމްސީން ބުނެއެވެ. މި ދަތުރުގައި އެމްއެމްސީއާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.