މިއަދު އިހްސާސްކުރެވޭ ހޫނުމިން އެންމެ މަތީ ކ. ހުޅުލެއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މެޓުން ހާމަކުރި ގޮތުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 40 އަށް ވުރެ މަތީގައެވެ.

އެގޮތުން މިއަދު 11:00 އާ ހަމައަށް މެޓުން ހާމަކޮށްފައިވާ ތަފާސްހިސާބްތަކަށް ބަލާއިރު، އިހުސާސްކުރެވޭ ހޫނުމިން ކ. ހުޅުލެއަށް ހުރީ 42.2 ގައެވެ. އަދި ލ. ގަން، ގދ. ކާޑެއްދޫއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ގައެވެ. ކައްދޫއަށް 41.2 ގައި ހުރިއިރު، ހދ. ހަނިމާދޫއަށް އިހްސާސްކުރެވޭ ހޫނިމިން ހުރީ 39.5 ގައެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު، ފާއިދުވެދިޔަ ތިން ހަފްތާއަކީ ވަރަށް ބޮޑަށް ވިއްސާރަކުރި ދުވަސްކޮޅެކެވެ. ވިއްސާރަ ކުރުމަށް ފަހު މޫސުން ރަނގަޅުވާން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

މިއަދު މެޓުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.