ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކޮށް ހުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން އިސްވެ، ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ މިއަދު ބޭރުކޮށްލި ނަމަވެސް ގޯތި ލިބުމަކަށް ހުރަހެއް ނޭޅޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

މި ބިލަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް 19 ވަނަ މަޖިލިހަށް ހުށަހެޅުއްވި ބިލެކެވެ. ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލް އެ މަޖިލިހުން ފާސް ކުރީ މިދިޔަ މަހު ބޭއްވި 19 ވަނަ މަޖިލިހުގެ އެންމެ ފަހު ދުވަސްކޮޅެވެ. މަޖިލިހުން އެ ބިލް ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވުމުން އެމަނިކުފާނު ވަނީ އެ ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ.

3 މަސްތެރޭ ގޯތި ދޭން ލާޒިމްކޮށް އެމްޑީޕީން ހުށަހެޅި ބިލް ބޭރުކޮށްލައިފި

ޕީއެންސީގެ ޕީޖީ ގްރޫޕުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާ ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

"އަޅުގަނޑުމެންނަަށް ޝައްކެއްވެސް ނެތް، އެމަނިކުފާނަކީ މިހާރުވެސް ހުޅުމާލޭގައި ދިރިއުޅެމުން ގެންދަވާ ބޯހިޔާވަހިކަމުގެ ސަހަރުގައި އެންމެ ގިނަ އަދަދެއްގެ ފްލެޓް ބިނާކުރެއްވުމުގެ އެކަމުގައި މޭސްތިރިއަކަށް ހުންނެވީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ،"،

އެމަނިކުފާނުގެ ވައުދުފުޅުތައް ވައުދުވެވަޑައިގެންނެވި ގޮތަކަށް އެކަމެއް ފުއްދަވާދެއްވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފާހަގަކުރެއްވީ އެމަނިކުފާނު ހަފްތާ 14ގައި ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ވާހަކައެވެ.

ފަލާހް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ހުށަހެޅި އެ އިސްލާހުގައި ފުށު އަރާ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އެގޮތުން ބައެއް މީހުންނަށް ގޯތީގެ ރެޖިސްޓްރީ ހަވާލު ކުރެވުނުއިރު، އެ ގޯތި އޮތްތަން ނޭނގުން ފާހަގަކުރެއްވިއެވެ.

"ގިނަ އަދަދެއްގެ ގޯތި ދީފައި ހުރި ބޭފުޅުންނަށް ގޯތި ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން، އޭގެ މާނައަކީ އެ ރަޖިސްޓްރީއަކީ މިހާރު ބިމާ ބެހޭ ގާނޫނަށް ބަލައިފި ކަމަށް ވަންޏާ ފުށުއަރާ އެކަމާއި ދޭތެރޭގައި ގާނޫނީގޮތުން މައްސަލަތައް ހުރި ކަންކަމަށް އެބަވޭ،". އޭނާ ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް ބިމުގެ ބިލްގެ ނަމުގައި މި ސަރުކާރުން އާ ބިލެއް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ބިލް މެދުވެރިކޮށް މިހާރު ގޯތި ލިބިފައި ހުރި ފަރާރްތަކަށް އަދި ފްލެޓްތަކާއި، ކޮންމެ ސަރުކާރަކުން ގޯތި ދިނަސް ރައްކާތެރިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެެރިންގެ ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވީ، އެ ނިންމުމާއި ގުޅިގެން އެއްވެސް ރައްޔިތެއްގެ އަސާސީ ހައްގަކަށް އަސަރު ނުކުރާނެ ކަމަށެވެ. މިހާރު އޮތް ބިމާއި ބެހޭ ގާނޫނުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ދޫކުރަމުންދާއިރު، އެ އިސްލާހު ފާސް ނުކުރުމުގެ ސަބަބުން އެ ރެޖިސްޓްރީތައް ދޫކުރާކަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަން މި ޖެެހެނީ މި އިސްލާހު އެންމެ ފަހު ވަގުތު 19 ވަނަ މަޖިލީހުން ހުށަހަޅައިގެން ފާސްކޮށްފައި އޮތްއިރު ތިން މަސް ތެރޭގައި ވަކި ރަޖިސްޓްރީ ތަކެއް ދޫކޮށްފައި އޮތް އޮތުން މިއީ އެންމެ ރަނގަޅު، ހެޔޮ ނިޔަތުގައި ކޮށްފައި އޮތް ކަމެއްތޯ ނޫންތޯ، ވަކި ކަމަކަށް ޓާގެޓްކޮށްގެން ފާސްކޮށްފައި އޮތް ބިލަކަށްވާތީ އަދި އޭގެ ސަބަބުން ފުށުއަރާ އެތައް ކަންތައްތަކެއް އަންނާތީ އެކަންކަން ރިއާޔަތްކޮށް އަޅުގަނޑުމެން އެ ނިންމުން ނިންމާފައި ވަނީ،". ހުސްނީ ވިދާޅުވިއެެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވީ، މި ބިލް މަޖިލީހުން ބޭރުކޮށްލުމަކުން ރައްޔިތުންނަށް ލިބެން ޖެހޭ ގޯތި ލިބުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިމާ

    ތިހެދީ ރަނގަޅަށް އެއީ އިބޫ ބޭނުން ބަޔަކަށް އެއްވެސް އުސޫލެއް ނެތި ދީފައިވާ ގޯތިގަކެއް މީކާއިލު އާއިލާ އާ ރައްޓެހިންނަށް 22 ގޯތި

    22
    3
  2. އަބްދޫ

    ދަވްލަތުން ހަރަދުކޮށްގެން ގައުމުގެ ހުރިހާރައޔިތުންގެ ފައިސާއިން ބިން ހިއްކާފަ ނުވަތަ ބިން އުފައްދާފަ އެބިމުގެ މަންފާ ވަކިބަޔަކަށް ހިލޭދިނުން ގާނޫނުއަސާސީގެ 17 ވަނަ މާއްދާ ބެލުމުން ހުއްދަ ނުވާކަންއެގޭ. ދަވްލަތުން ހަރަދުކޮށްގެން ބިންހިއްކާފަ ބިމާއިބެހޭގާނުނާއި ހިލާފަށް ހަރަދު ނުލިބޭގޮތަށް އެއްވެސް ފަރާތަކުން ބިންދޫކޮށްފަޖނަމަ އެފަިއިސާގަ ޒިންމަވާންޖެހޭ މީހަކު ހޯދާ ދަވްލަތަށް އެފައިސާ ހޯދަންޖެހޭނެ.

    14
    5
  3. މަޗާ

    އެމްޑީޕީން ހުޅުމާލޭގެ ދެފުލެޓު ދޭތޭ ގަ ވާ ހުސް ބިން ތަކުން ދީފަހުރި ގޯރި ތަށް ދިނުމުގެ ބަދަލުގަ އެހެން ތަނަކަށް ބަދަލު ކުރަން ބިލެއް ލާނަމަ. މުޅި ޕުލޭން ހަލާކު ވެފަ އެއޮތީ.

    9
    2
  4. ޒާ

    ހުރަސް ނެތަސް އުއްމީދެއް ނެތް. އެއިން މަސައްކަތެއް ކުރާތަނެއް ނުފެނޭ. ހުރިހާ ކަމެއްހުއްޓި އުއްމީދު ވަޅުލެވިއްޖެ.

    14
    8
  5. ސަރަފަކައްދަ

    ގޯތި ހޯދަންވެސް ރައްޔިތުން މި ޖެހެނީ ދަޢުލަތާއި ހަނގުރާމަ ކުރަން ދޮތަ!

    15
    7
  6. ނާގަބާޑި

    ގޯތި ހޯދަން ހަނގުރާމަކުރަންޖެއްސީވެސް ކަލޭމެންގެ ސޯލިހުރައީސްސޯލިހުދޯ

  7. ގުދުގުދާބެއްޔާ

    ގާނޫނުގައި ބުނަނީ ދީފައިވާ ބިމެއް ނެގޭނީ އަދުލުވެރި ބަދަލެއް ދީފަކަމަށް! ވީމާ މީހާރު ހުޅުމާޅެ ފޭސް 2 3 އަދި ގުޅީފަޅު ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުންނަށް ދީފައިވާ ގޯތީގެ ރަޖިސްޓްރީ ދެން ބާތިލް ކޮއް އަތުލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ! އަތުލަން ކޯޓުން ހުކުމް ކުރިޔަސް ނުދޭނަން ލިޔެކިއުންތަކެއް! ޖަލުގައި އެނުދީގެން ބައިންދާނެ ދުވަހަކު ބައިންދާ!