ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި މީހެއްގެ އަތުން ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެެވެ.

ހިޔާ ފްލެޓް އެއް ވަނަ ޓަވަރުގައި ފޭރުނު ތިން މީހަކު ބަރަހަނާކޮށް، ފްލެޓްގެ ސިޑި މަތީގައި ތިއްބާ ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ފޮޓޯތަކުން ފެނިގެން ދަނީ ހަތަރު މީހަކު ހެދުން ބާލުވާފައި ޓަވަރުން ބޭރުގައި ސިޑި މަތީގައި ތިބޭ ތަނެވެ. އެ މީހުން ތިބީ މޫނު ފޮރުވައިގެންނެވެ.

ފުލުހުން އިއްޔެ ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގެ އެޗް1 ކައިރީގައި މީހަކު އަތުން ފައިސާ ފޭރުނު ބަޔަކު ހިފަހައްޓައިގެން އުޅޭ ކަމަށް ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ހިފަހައްޓާފައި ތިބި މީހުން އެހެން މީހެއްގެ އަތުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ ކަަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްްސަލައާ ގުޅިގެން 4 މީހަކު ހައްޔަރު ކުރިއެވެ. އެއީ 32އގެ ދެ މީހަކާއި، 45އ،ގެ މީހެއްގެ އިތުރުން 36އ.ގެ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު މީހުންވެސް އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވެރިން

    ތިކަން ތި ނިމުނީ، ތިހެން ވާތީ އޭ އެމީހުނަށް ދެވަނަފަހަރަށް ވެސް ކުއްކުރަން ފަސްނުޖެހެނީ. ނިޒާމުގެ ތެރެއިން ކަން ކުރަން އުދަގޫވެ ނުކުރެވެއްޏާ ރައްޔިތުން ނާ ތިމީހުން ހަވާލުކޮއްލާ

  2. އަބްދުﷲ އަލީ

    ކިހާ ބޮޑު ބަލާއެއްމީ ، ހައްޔަރު ކުރާނެ ދޫކުރާނެ ......... އޮތީ ވަގުތުން ނިންމާލުން ފުލުހުންނަށް ގުޅާނެ ކަމެއް ނެތް