ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސްޓެލްކޯއިން ސޮއިކޮށްފިއެވެ.

ރައީސް. ޑރ. މުއިއްޒުގެ ވައުދުފުލާ އެއްގޮތަށް ރާއްޖޭގައި ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމަށް އެމަނިކުފާނު މިއަދު ފައްޓަވާދެއްވި މަޝްރޫގައި ސްޓެލްކޯއިން ބައިވެރިވެފައިވަނީ މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ގަސް އިންދުމުގެ ހަރަކާތް ހިންގުމަށް ސްޓެލްކޯއިން މިއަދު ވަނީ ޕްލެޖްގައި ސޮއިކޮށްފައެވެ. އެ ޕްލެޖްގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ތޯރިގު އިބްރާހިމެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެށުމަށް މިއަދު ތުލުސްދޫގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ގަސް އިންދުމުގައި ސްޓެލްކޯއިން އިސްނަގައިގެން އުޅޭ އެއް ސަބަބަކީ އެ ކުންފުނިން ދެމުންދާ ހިދުމަތާއި ތިމާވެށްޓާ ވަރަސް ބޮޑަށް ގުޅިފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަބަބުން ތިމާވެށްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާކަށް ބޭނުމެއް ނޫން. އެހެންކަމުން އަޅުގަނޑުމެން މިކަމަށް އިސްނަގައިގެން ކުރިއަށް މި ގެންދަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް މި ފަސް އަހަރު ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށިގެން މި ދަނީ." ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މިއަދު އިންދާ ގަހުގެ ފައިދާ އެ ބޭފުޅުންނަށް ނުކޮށްފާނެ ކަމަށެވެ. އެކަމުން އޭގެ ފައިދާ މިހާރު ތިބި ތުއްތު ކުދިންނަށް ކުރާނެ ކަމަށެވެ. އަންނަން އޮތް މުސްތަގްބަލަށް ކުރާނެ ކަމަށެވެ. ގަސް އިދުމުގެ ހަރަކާތަކީ މުސްތަގްބަލަށް ކުރާ އިންވެސްޓްމެންޓެއް ކަމަށް ވިދާޅުވިއެވެ.

އެ ޕްލެޖްގެ ދަށުން ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ސްޓެލްކޯއިން މަދުވެގެން 500،000 ގަސް އިންދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދިމުގެ މަޝްރޫއަށް އެހީތެރިވެ ދިނުމަށް ޕާކިސްތާނުންވެސް ވަނީ ނިންމާފައެވެ.