މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުންނަށް ޗައިނާ ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

އެ ކޯސް ފަށާފައިވަނީ އިއްޔެ ވިލާ ކޮލެޖްގެ ޗައިނީޒް ލެންގުއޭޖް ސެންޓަރުގައެވެ. އެ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯސް ފަށްޓަވައިދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޝިން އެވެ. އެ ކޯހުގައި 17 އިމިގްރޭޝަން އޮފިސަރުން ބައިވެރިވެއެވެ.

ސަފީރު ލިޝިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ކޯސް ފެށިގެން ދިއުމުން ވަަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެ ކޯހުގައި ބައިވެރިވާ އިމިގްރޭޝަން އޮފިސަރުންނަށާއި ޗައިނާ ބަހާއި އެ ގައުމުގެ ސަގާފަތާއި ގުޅޭ ކަންކަން އުނގެދިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަންނީ ގޮތުން މީހުން ތަމްރީންކޮށް ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގެންގެންނެވި ދަތުރުފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.