އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގައި ދިމާވި މައްސަލަ ފެނަކައިން ހައްލުކޮށްފިއެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައްޑޫ ސިޓީއަށް ގެންދެވުނު ޕަމްޕް މިހާރު ވަނީ އިންސްޓޯލް ކުރެވިފައި ކަމަށެވެ. އަދި އެ ޕަމްޕް ހަރުކުރުމުގެ ސަބަބުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫއަށް މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.

އައްޑޫސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން، އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން އެއް އަހަރުގެ އަޕްގްރޭޑިން ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީއާއި ވަނީ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓް ދަށުން އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި ފެން ރައްކާކުރާ ކެޕޭސިޓީ އިތުރުވެގެންދާނެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަަކަށް ސާފު ފެން ނުލިބޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާގައި ހުށަހަޅާފައިވެއެވެ. އެ މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ. ނާޒިލް އެ މައްސަލަ ހުށަހެޅުއްވުމުން ސަރުކާރުގެ މެންބަރުން ވަނީ އެމްޑީޕީގެ ވެރިކަމުގައި އެ މައްސަލައަށް ހައްލެއް ނުގެނެވުނުކަން ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މައްސަލަ ހުށަހެޅުމުން ފާޑުކިޔުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މހނ

    އެ މަޒީލަށާ އައްޑޫ މޭޔަރ ނިޒާރަށް މިހާރު އެގޭނެ މިސަރުކާރުން ވާހަކަ ދައްކަނީ ތެދުބަހުންކަން އެމްޑީޕީ ސަރުކަރު ގޮތަށް މީހުންނަށް ދޮގާ މަކަރާ ނަހަދާކަން