މަނީ ލޯންޑަރިންގް އާއި ޓެރެރިޒަމް ފައިނޭންސިންއާއި މާލީ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރާ އެގްމޮންޓް ގްރޫޕްގެ މެންބަރުކަން ދިވެހިރާއްޖޭގެ އެމްއެމްއޭގެ ފައިއިނޭންޝަލް އިންޓެލިޖެންސްގެ ޔުނިޓަށް ލިބިއްޖެއެވެ.ޟޮ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަނީ ލޯންޑަރިންގް އާއި ޓެރެރިޒަމް ފައިނޭންސިން އަދި ކުށް ކުރުމާއި ގުޅިގެން ކުރެވޭ އެހެނިހެން މާލީ ކުށްތަކާއި ބެހޭ މައުލޫމާތު ދޭދޭ ޤައުމުތަކުގެ މެދުގައި ހަރުދަނާކަމާއި ރައްކާތެރިކަމާ އަދި އަވަސްކަމާއެކު ބަދަލުކުރެވޭނެ ނެޓްވާކެއް ޤާއިމުކުރުމަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ "އެގްމޮންޓް ގްރޫޕް އޮފް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްސް" (އެގްމޮންޓް ގްރޫޕް) ގެ މެމްބަރުކަން ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ކަމަށެވެ.

ރާއްޖެގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އެގްމޮންޓްގެ މެމްބަރެއްގެ ގޮތުގައި ހަމަޖެހިގެންދިޔައީ ޖޫން 2 ވަނަ ދުވަހުން ފަށައިގެން ކުރިއަށްދާ އެގްމޮންޓް ގްރޫޕްގެ 30 ވަނަ އަހަރީ ބައްދަލުވުމުގައި ފްރާންސްގެ ޕެރިހުގައެވެ.

އެގްމޮންޓް ގްރޫޕްގެ މެމްބަރަކަށް ވުމަށް އެފްއައިޔޫ އިން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި މިކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ސްޕޮންސަރުންގެ ގޮތުގައި ބަންގްލަދޭޝާއި ސްރީލަންކާގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން މަސައްކަތް ކޮށްދީފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެގްމޮންޓް ގްރޫޕްގެ މެމްބަރަކަށް ވުމުން އެ ގްރޫޕްގެ މެމްބަރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ފަންނީ ތަފާތު އެހީތެރިކަން ހޯދުމާއި އެގްމޮންޓް ގްރޫޕްގެ ތަފާތު މުހިންމު ޕްރޮޖެކްޓްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިގެންދާނެއެވެ.

އެމްއެމްއޭ އިން ބުނީ އެގްމޮންޓް ގްރޫޕްގެ މެމްބަރުކަން ލިބުމަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމަށް އެމްއެމްއޭ އަދި ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަމުންދާ މުހިންމު މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.