ނިރުބަވެރި އިސްރާއީލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން 100،000ރ. ހަދިޔާކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ހުއްޓުމެއް ނެތި ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ގަތުލު އާންމުގައި ޣައްޒާގެ އެތައް ތަނެއް ވަނީ ބިމާހަމަވެފައެވެ. އެތައް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، އެތައް ބަޔަކު އެތަނުގައި ދިރުއުޅެމުން ދަނީ ވަރަށް ހާލުގައެވެ. މިގޮތުން ބައެއް ކާނާ އާއި ބޯފެނަށް ޖެހި ބަނޑުހައި ހޫނުކަމުގައި އެތައް ބަޔަކު ދަނީ ދިރިއުޅެމުންނެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގައި އެކިއެކި ހަރަކާތްތައް ހިންގާ އެހީ ހޯދާފައި ވެއެވެ. އަދި މި އެހީތައް ފަލަސްތީނަށް ފޮނުވާ، ބޭނުން ޖެހިފައިވާ މީހުންނަށް ފޯރުކޮށްދީފައި ވެއެވެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ކްލަބް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ފަންޑް ރައިޒިންގ ހަރަކާތުގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޖުމްލަ އެއް ލައްކަ ރުފިޔާ ހަމަކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ މިހާރު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އިމިގްރޭޝަންގެ މުޅި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރުވެރިވަން،"، އިމިގްރޭޝަނުން ވިދާޅުވެފައި ވެއެވެ.