ހަޒަރޑަސް ވޭސްޓް އޮޕަރޭޝަންސް އެންޑް އިމަޖެންސީ ރެސްޕޮންސްއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޕޮޕްސް ޕްރޮޖެކްޓްއިން ފަށައިފިއެވެ.

4 ދުވަހަށް ކުރިޔަށްދާނެ މި ތަމްރީންގެ މަޤްސަދަކީ ނުރައްކާތެރި ކުނި މެނޭޖްކުރުމާ ނައްތާލުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ގަވައިދުތަކަށް ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ނިޒާމް ދެއްކެވި ވާހަކަފުޅުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ނުރައްކާތެރި ކުނި ނައްތާލުމުގެ އިންތިޒާމެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ފޮޓޯ: މިނިސްޓްރީ

އެކަމަށް ހައްލު ހޯދުމުގެގޮތުން ތިމާވެށްޓާއި އިންސާނުންގެ ސިއްހަތަށް ގެއްލުންދޭ ކެމިކަލްތަކާއި ނުރައްކާތެރި ކުނި ނައްތާލުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ ހިލޭއެހީގެ ދަށުން ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން މިނިސްޓްރީން ހިންގާ އެލިމިނޭޓިންގ ޕާސިސްޓަންޓް އޯގަނިކް ޕްލޮއުޓިންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް މަޝްރޫއު (ޕޮޕްސް ޕްރޮޖެކްޓް)ގެ ދަށުން އައްޑޫ ސިޓީގައި އިންޓަރިމް ހަޒަޑަރސް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށް، ވެމްކޯއާ އެއ މަރުކަޒު ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

9 ޖޫން ގައި ފަށާފައިވާ ތަމްރީނު ޕްރޮގްރާމްގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ނުރައްކާތެރި ކުނި ރައްކާތެރި ގޮތުގައި ނައްތާލުމަށާއި، ތަފާތު ބާވަތްތަކުގެ ނުރައްކާތެރި ކުނި ވަކި ކުރާނެ ގޮތާއި، ލޭބަލް ކޮށް ސްޓްރޯ ކުރާނެ ގޮތާއި އަދި ނުރައްކާތެރި ކުނި ބޭރުވުން ހުއްޓުވުމަށާއި ބޭރުވެއްޖެނަމަ ފިޔަވަޅުއެޅުމުގައި ގެންގުޅޭނެ ޚާއްސަ އުސޫލުތައް ހިމެނެއެވެ.