ލިލްމާސް މަނީ އެކްސްޗޭންޖުގެ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު 8 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ފޭރުމުގެ ކުށް ސާބިތުވެ، ހުކުމް ކޮށްފައިވަނީ ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމުގެ މައްޗަށެވެ. ޝަމްއާން ވަނީ އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ.

ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2021 ވަނަ އަހަރު އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ ރޭގަނޑު 22:10 ހާއިރު ލިލްމާސް މަނީ އެކްސްޗޭންޖް ފިހާރައިގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދެއްކުމަށްފަހު އެ ފިހާރައިން 912،714 ރުފިޔާ އާއި 27،150 ޔޫއެސް ޑޮލަރު އަޅާފައިވާ ދަބަހެއް ޝަމްއާން ފޭރިގަނެފައިވާކަން ސާބިތުވާ ކަމަށެވެ.

ހުކުމުގައިވާގޮތުން މި ކުށުގެ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހެވެ. އެކަމަކު އޭނާ މައްޗަށް އަދަބު މަތި ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި ކުށް އޭނާ ކުރި ތާރީހުން ފެށިގެން ފާއިތުވި ހަ އަހަރު ދުވަސްތެރޭގައި ޖިނާއީ ކުށެއް އޭނާ ކޮށްފައިވާކަން ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

އެހެން ކަމުން އޭނާގެ އަދަބު ދެ ދަރަޖަ މަތިކުރުމުން އޭނާ ހަތް އަހަރާއި ދެ މަހާއި 12 ދުވަހެވެ. އަދި އޭނާ ކުރި ކުށަށް އިންކާރު ކުރުމުން އިތުރު އެއް އަހަރު ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އެހެން ކަމުން މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ އަށް އަހަރާއި ދެ މަހާއި 12 ދުވަސް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އެކަމަކު އޭނާ މި މައްސަލައިގެ ކުށުގައި ދެ އަހަރާއި 10 މަހާއި ނުވަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، އަދަބުން އެ މުއްދަތު ކަނޑައި އޭނާ ޖަލުގައި ހޭދަ ކުރަންޖެހޭނީ ފަސް އަހަރާއި އެއް މަހާއި 21 ދުވަސް ކަަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުއިލުއި

    ތޫނު ހަތިޔާރު ބޭނުންކޮށްގެން ތަނަކަށް ވަދެގަނެ ބިރުދައްކައި މިލިޔަނަކަށްވުރެ ގިނަ ފައިސާ ފޭރިގަތީމަ ލިބޭ އަދަބުން އެބަ ސަލާމަތްވޭ 5 އަހަރުތެރޭގަ. އޭނާގެ ސަބަބުން މުޖުތަމަޢުއަށް އޮތް ބިރުވެރިކަމާ ލިބޭ ގެއްލުން މާބޮޑު. މިބާވަތުގެ ކުށްކުރާ ފަރާތްތަކަށް ހަރުކަށި ބޮޑެތި އަދަބު ދެވެންވާނެ. ކުށްކުރުން ހުއްޓުވޭނީ އަދި ކުށަށް އަރައިގަންނަން ޖެހިލުންވާނީ އޭރުން.