މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާ އަށް ގޮސް ތިބި ހުރިހާ ހައްޖާޖިންގެ ހާލު ރަނގަޅުކަމަށް މި އަހަރު ހައްޖާޖީންނާ ހަވާލުވެ ހުރި އަމީރުލްހައްޖު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ. ޝަފީއު، އިސްލާމިކް މިނިސްޓްރީގެ މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ ސައުދީގައި ތިބި ދިވެހިން ހައްޖުވެރިންގެ ހާލަތުގެ އަދަބުވެސް ގެނެސްދެއްވަމުން ގެންދަވާނެ ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް މިއަދު ވަނީ ފުރާވަޑައިގެންފައެވެ. މިއީ ހާއްސަ ހުއްދައިގެ ދަށުން ލިބުނު 150 ކޯޓާގެ ދަށުން ފުރި މީހުންނެވެ.

ސައުދީން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާގެ އަދަދަކީ 1000 އެވެ. ނަމަވެސް ދިވެހި ސަރުކާރުން ކުރި މަސައްކަތުން އިތުރު ޖާގަ ހޯދައި 1150 ހައްޖުވެރިން ވަނީ ހައްޖަށް ފުރައިފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 50 ހައްޖުވެރިން ގޮސްފައިވެއެވެ.

އެ ގޮތުން ފުރަތަމަ ދެއްވި އަދާހަމައިގެ މައުލޫމާތުގައި ވިދާޅުވީ ދިވެހި ހުރިހާ ހައްޖުވެރިން ވެސް ހާލު ރަނގަޅު ކަމަށާއި އިންތިޒާމުތައް ވަރަށް ފުރިހަމަކޮށް ހަމަޖައްސާފައިވާ ކަމަށެވެ.

"ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލު ވެސް ރަނގަޅު، ވަރަށް އޮމާންކޮށް ހުރިހާ އިންތިޒާމެއް ވެސް މިކޮޅުގައި ހަމަޖެހިފައި ހުރީ،" އަމީރުލް ހައްޖު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ. އެގޮތުން މި ފަހަރު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފަގީރުންގެ ލިސްޓުގައި ހިމެނޭ 50 މީހުން ވަނީ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްޓަކައި ފޮނުވާފައެވެ.