އުމުރުން 13 އަހަރުގެ ކުއްޖެއްގެ ބަރަހަނާ ފޮޓޯ ހޯދައި އެ ފޮޓޯތައް އެހެންމީހަކަށް ފޮނުވި މައްސަލައެއްގައި ތުހުމަތުކޮށް، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާކުރި މީހަކާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި, އެ މީހާއަށް ލުއި އަދަބެއް ދީފިއެވެ.

2018 ވަނަ އަހަރުގައި ހިނގި މިހާދިސާއަކީ ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ދިވެހި ފިރިހެނެއްގެ މައްސަލައެވެ. މި މައްސަލަ ބަލާފައިވަނީ އޭނާ ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓުންނެވެ. އެގޮތުން އެ ކޯޓުގައި ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލި ދައުވާ އަކީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

2020 ވަނަ އަހަރު ދައުވާކުރި މި މައްސަލައިގައި ހުކުމްކޮށްފައިވަނީ މި ހަފްތާގައެވެ. އެގޮތުން އޭނާ 13 އަހަރުގެ އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ފޭސްބުކުން އެހެން މީހަކަށް ފޮނުވި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެމީހާ ގެންގުޅޭ ބައެއް ތަކެތު ބަލާފާސްކުރި އިރު, އޭނާގެ ހާޑް ޑިސްކުން އޮރިޔާން މަންޒަރުތައް ދައްކުވައިދޭ 86 ވީޑިއޯ ފެނިފައިވެއެވެ.

މިކަމާ ގުޅިގެން ޕީޖީގެ އޮފީހުގެ މީޑިއާ އޮފިޝަލް "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ, ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ އެހެން މީހަކަށް ފޮނުވި މައްސަލައެއްގައި އޭނާގެ ފޯނާއި ހާޑް ޑިސްކް ބަލާ ފާސްކުރުމުން ފެނުނީ ކުޑަކުއްޖެއްގެ ފޮޓޯތަކެއް ނޫން ކަމުން އޭނާގެ މައްޗަށް ކުރެވުނީ ކުރެވުނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކަމަށެވެ. އަދި އެއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ނޫން ކަމުން އެކުށަކީ ޖިނާއީ ބޮޑު ކުށުގެ ތެރޭގައި ހިމެނޭ ކުށެއް ނޫން ކަމަށެވެ. އަދި އޭނާ އިއުތިރާފުވުމުން އިއުތިރާފުގެ އެއްބަސްވުމެއް ހެދި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ދައުވާއަށް އެ މީހާ އިއުތިރާފުވުމުން, ދައުލަތުން ކޯޓުގައި އެދުނީ އިއުތިރާފުގެ އެއްބަސްވުން ހަދައި ކޯޓުން އެ ބަލައިގަތުމަށެވެ. އިއުތިރާފުވުމުން އަވަސް ނިޔާގެ މައްސަލައެއް ގޮތަށް މި މައްސަލަ ކުރިއަށް ގެންދިޔައެވެ. މި ކުށަކަކީ ޖިނާޔަތުގެ ބޮޑު ކުށަކަށް ނުވުމުން އޭނާގެ މައްޗަށް މައްސަލަ ސާބިތުވިޔަސް އަންނަނީ 9 ދުވަހުގެ ޖަލު އަދަބެކެވެ.

އެހެންކަމުން, މިފަދަ ކުށެއްގައި ޖަލަށްލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި ކުށުގެ ވެށިން ދުރުވުމަށް ބާރުއެޅުމުގެ ގޮތުން ޖަލު އަދަބު ނޫން އެހެން އަދަބެއް ދިނުމުގެ މަސްލަހަތު ބޮޑު ކަމަށް ބަލައި، މެޖިސްޓްރޭޓް ނިންމެވީ ނުވަ ދުވަހުގެ ޖަލުހުކުމް 1800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލު ކުރާށެވެ.