މަސްވެރިންނަށް ނުދެވި ހުރި 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ މިއަދުގެ ނިޔަލަށް ޖަމާވާނެ ކަމަށް ފިޝަރީޒް މިފްކޯ އިން ބުނެފިއެވެ.

މިފްކޯގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ ނިޔަލަށް 46 މިލިއަން ރުފިޔާ މަސްވެރިންނަށް ޖަމާވެގެންދާނެ ކަމަށެވެ.

"މިހާރު ބޭންކް ޕްރޮސެސިންގައި ވީ. މިއަދުގެ ނިޔަލަށް ޖަމާވެގެންދާނެ." އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ގިނަ ދުވަސްވާތީ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުން މަސްވެރިންނަށް ވީ ވައުދު ނުފުއްދާ ކަމަށް ބުނެ އިއްޔެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ މާލެގެ އެއް ނަންބަރު ޖެޓީއާވީ ފަޅުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އެއްކޮށް ދޭނެ ދުވަހެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެެވެ. އެހެން ނަމަވެސް މިފްކޯ އާއި ސަރުކާރު ގުޅިގެން މަސްވެރިންނަށް ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭގައި ފައިސާ ޖަމާ ކުރުމަށެވެ.

އެހެން ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރި ގޮތުންނާއި މިފްކޯގެ މާލީ ހާލަތު ރަނގަޅު ނުކޮށް އެފަދަ ވައުދުތައް ފުއްދަން އުނދަގޫ ވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަސްވެރިއެއްގެ ދުލުން

    މަސްވެރިންގެ އުޖޫރަ ދޭންވީމައި ދައުލަތުގެ މާލީ ހާލަތެއްވެސް ނުހުރޭ. މިފްކޯވެސް އޮންނަނީ ދަރަނިވެރިވެފައި. ނަމަވެސް، މަސްވެރިކަމަށް ވުރެ ޙަލާލު މަސައްކަތެއް ދުނިޔޭގައި ވެސް ނޯންނާނެ. އެމީހުންނަށް ވުރެން ބުރަކޮށް މަސައްކަތްކުރާ ބަޔަކު ރާއްޖޭގައި ނޫޅޭނެ. ހޫނު އަތްވާއި، ފަތިހު ފިންޏާއި، ގަދަ ކަނޑާއި، ބޯ ވާރޭގައި ރިޒުޤު ހޯދުމަށް އެމީހުން ވަމުންދާ ޤުރުބާނީއަކީ އޮފީސްތަކުގެ ފިނި ކޮޓަރީގައި ޓައީ އަޅައިގެން ތިއްބަވާ ބޭކަލުންނަށް ވަޒަންކުރެވޭނެ ކަންކަމެއް ނޫން.