މާފަންނު ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނު އަހުމަދު އައިމަން ހަށިގަނޑު ފެނުނު އިރު އަތަށް ހުރީ ސިރިންޖު ޖަހާފައި ކަމަށާއި އެ ސިރިންޖުގެ ހުރި ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަށް ޕޮރިޓިވްވި ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ އައިމަން މަރުވައި އޮއްވާ ފެނުނު މައްސަލަ ހުށަހަޅާފައިވަނީ މެއި 20 ވަނަ ދުވަހުގެ 14:20 ހާއިރު އާންމު ފަރާތަކުން ފުލުހުންނާއި ގުޅައި ރަބީއުވިލާ ގޭތެރޭގައި މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ދިނުމާއެކުގައި ކަމަށެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އާދިން މޫސާ

"އެ ގޭގެ ތިން ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތަޅުންގަނޑު މަތީގައި ވަރަށް ބޮޑަށް ކުނިފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވޭ. ކުނިވެ ހަށިގަނޑު ހަލާކުވަމުން ދިއުމުން މީހާގެ ސިފަ ދެނެގަތުމަށް ދަތިތަކެއް ކުރިމަތިވި. ނަމަވެސް މީހާ ދެނެގަތުން ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް އެހިނދުން ފެށިގެން ކުރަމުން ގެންދިޔައީ. ހަށިގަނޑުން ނެގުނު ފިންގާ ޕްރިންޓްގެ އެހީގައި މަރުވެފައިވާ ފަރާތަކީ އައިމަންކަން ދެނެގަނެވުނު އަދި އޭގެ ފަހުން އާއިލާއިން ވެސް އެއީ އައިމަންކަން ކަށަވަރުކޮށްފައި." ސާމިހް ވިދާޅުވިއެވެ.

އައިމަން ގެއްލިގެން މައްސަލަ ހުށަހެޅުމުން ހޯދުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވިދާޅުވިއެވެ. އެގޮތުން އާންމުކޮށް ގޮސް އުޅޭ ތަންތަން ބަލައި ފާސްކުރި ކަމަށް ވެސް ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، ފުލުހުންނަށް އައިމަން ފެނުނުއިރު އަތަށް ސިރިންޖުން އެއްޗެއް އިންޖެކްޓް ކުރުމަށް ޖަހާފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެ ސިރިންޖު ތަހުލީލް ކުރުމުން މެތަށް ޕޮޒިޓިވްވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖެސް: އާދިން މޫސާ

"އައިމަންގެ ހަށިގަނޑު ކުނިވެ ހަލާކުވެފައިވުމުން ތަހުގީގަށް ބޭނުންވާ ބައެއް ކަންކަން އެންމެ އެކަށީގެންވާ ގޮތަށް ދެނެގަތުމަށް އޮޓަޕްސީ ހަދާފައިވޭ. އޭގެ ވަގުތީ ނަތީޖާއިން ހަށިގަނޑަށް ޖިސްމާނީ ގޮތުން އަނިޔާއެއް ލިބިފައި ނުވާ ކަަމަށް ވަނީ ފާހަގަވެފައި. އަދި ދާއިމީ ނަތީޖާ ލިބިފައެއް ނުވޭ، އެހެންވީމަ މަރުގެ ސަބަބު ދެނެގަނެވިފައެއް ނުވޭ." ސާމިހް ވިދާޅުވިއެވެ.

އައިމަން މަރުވެފައި އޮއްވާ ފެނުނު ރަބިއު ވިލާ ގެއަކީ އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އެ އިމާރާތަކީ ދިރިއުޅުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައަޅައި މާލެ ސިޓީ ކައުންސިލުން ޓިނު ޖަހައި އާންމުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައިވާ އިމާރާތެއް ކަމަށް ސާމިހް ވިދާޅުވިއެވެ. ނަމަވެސް އެތަނުގެ ޓިނު ނަށްޓައިގެން އެ އިމާރާތްތަށް ވަދެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަންމަތީ ޢާންޓީ

    ތިތަނަކަށް ވަދެ އުޅެނީ ހުސް ބޯ މީހުން. ނުބުންޏަސް އިނގޭ އޯޑީ އެއްކަން

    29
  2. Anonymous

    ހާދަ ހިތާމަހުރި ކަމެކޭ. މިތިބަ ދަރިންކޮޅު ނުބައި ޢަމަލުތަކުގެ މަތީގައި ވަނިކޮން މިދަނީ ނިމިގެންވެސް. ﷲ ރަޙްމަތްލައްވާށި. ދިރިތިބިން ޢިބްރަތްލިބި އިޞްލާޙްވުމަށް ފުރުޞަތު މިންވަރު ކުރައްވާށި އާމީން

    96
    1