ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ 14 ވަނަ ނޭޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން މރ. ބޭޓަރ ރާއްޖޭގެ ގައުމީ ދާރުލްއާސާރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ އެ މަނިކުފާނުގެ އަރިހުގައި ސީޕީޕީސީސީގެ އިސްވެރީންގެ 15 ބޭފުޅުންގެ ހާއްސަ ވަފުދެއް ވެސް ދާރުލްއާސާރަށް ޒިޔާރަތްކުރެއްވި ކަމަށެވެ.

ޗައިނާ ސަރުކާރުގެ އެ ވަފުދު ރާއްޖެއަށް ކުރާ މި ރަސްމީ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ދަތުރުފުޅުގައި އިއްޔެ އެވަފުދުގެ ބޭފުޅުން ގައުމީ ދާރުލްއާސާރަށް ވަޑައިގެންނެވުމުން ވަފުދުގެ ބޭފުޅުންނަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން އިސްތިޤްބާލް ކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ އެ ވަފުދަށް މަރުހަބާ ދެންނެވުމަށްފަހު، ވަފުދުގެ ބޭފުޅުންގެ އަރިހުގައި ދާރުލްއާސާރަށް ޒިޔާރަތްކުރައްވައި ދިވެހި އާސާރީ ތަކެއްޗާއި ދިވެހި ސަގާފަތާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައި ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ވަރަށް އިހުޒަމާނުއްސުރެ ވިޔަފާރީގެ ގުޅުންތައް އުފެދިފައިވެއެވެ. އެ ގުޅުމުގެ ތެރެއިން މީލާދީން 601 ވަނަ އަހަރު ރާއްޖޭގެ ރަސްގެފާނު ސްރީ ބަލަދީއްތަ މަހާރަދުން ސީނުކަރަޔަށް ސަފީރުން ފޮނުއްވިއެވެ. އޭގެ ފަހުން ވެސް ދެފަހަރެއްގެމަތީން ރާއްޖެ އާއި ޗައިނާއާ ދެމެދު ރަޙުމަތްތެރިކަމުގެ ގުޅުން އާލާކުރެވިފައިވެއެވެ. އިންޑިއާ ކަނޑުން ވިޔަފާރީގެ ބޭނުމަށް ޗައިނާގެ ލިޔުންތަކުގައި ރާއްޖެއަށް ދީފައިވާ ނަމަކީ “މޮ-ލައި” އެވެ.