ކ. ދިއްފުށީގައި އަލަށް ގާއިމްކުރާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ އިންޖީނުގެއަކަށް ކަމަށާއި، މި މަސައްކަތް ބުރޫ ނާރައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެރަށު އައު އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކުރުމަށާއި އައު އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ އާއި ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމެވެ.

އެ ރަސްމިއްޔާތުގައި ދައްކަވަމުން ފަހުމީ ވިދާޅުވީ، ދިއްފުށީގައި މިހާރު ޚިދުމަތްދެމުންދާ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ކަމުން ރައްޔިތުންނަށް އޭގެން އުނދަގޫތަކެއް ވަމުންދާ ކަމަށެވެ. މިއާއެކު ރައްޔިތުންނަށް އުނދަގޫ ނުވާނެ ސަރަހައްދެއްގައި އަލަށް ގާއިމްކުރެވިގެންދާ އިންޖީނުގެ ވެގެންދާނީ އެންމެ ޒަމާނީ ހިދުމަތްތައް ހިމެނޭ އިންޖީނުގެއަކަށް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫއުއަކީ ސީދާ ސްޓެލްކޯގެ ހަރަދުގައި ކުރިއަށްދާ މަޝްރޫއުއެއް ކަމުން، މަޝްރޫއު ކުރިއަށްގެންދިއުމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި، ކޮންޓްރެކްޓަރަށް ހިތްހަމަޖެހުމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލު އޮންނާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ދިއްފުށި ތަމްޞީލުކުރައްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ ދިއްފުށި ފަދަ ގެސްޓް ހައުސްގެ ވިޔަފާރި ކުރިއަރަމުންދާ ރަށަކަށް ވަރަށް މުހިއްމު ހިދުމަތެއް ކަމަށާއި، އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ. ނަސީމް ވިދާޅުވީ ދިއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމި، ވަރަށް އަވަހަށް އެ އިންޖީނުގެއިން ހިދުމަތްދޭން ފެށޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

ކ. ދިއްފުށީގައި އަލަށް ގާއިމްކުރާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: ސްޓެލްކޯ

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ، ދިއްފުށީގެ ކަރަންޓު ވިއުގަ ޒަމާނީކޮށް، ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލަށް ބިންގާ އެޅިގެން ދިޔަ އިންޖީނުގެއަކީ ޒަމާނީ ޚިދުމަތްތައް ދިނުމަށް އެކަށޭނަ މިންގަނޑުތަކަށް ފަރުމާކޮށް، ދުރު ރާސްތާގައި ދިއްފުއްޓަށް ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެގެންދާ ނިސްބަތުން ޚިދުމަތް ފުޅާކުރެވޭނެ ފަދައިން ޤާއިމްކުރުމަށް ނިންމާފައިވާ އިންޖީނުގެއެކެވެ ދިއްފުށީ އައު އިންޖީނުގޭގެ މަސައްކަތް ނިމިގެންދާއިރު އެ ތަނުގައި ޒަމާނީ އިންޖީނު ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން އިންޖީނުގެ ހިންގުމަށް ބޭނުންވާ އެކިއެކި ވަސާލަތްތަކާއި އޮފީސް އިމާރާތެއް ގާއިމްކުރެވިގެންދާނެއެވެ.

ދިއްފުށީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގެ ހަވާސާގައި ސްޓެލްކޯއިން ވަނީ އެ ރަށުގައި 1000 ގަސް އިންދާފައެވެ. މިއީ ކުރިއަށް އޮތް 5 އަހަރުތެރޭގައި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒުކޮށް މި އަހަރުގެ ދުނިޔޭގެ ތިމާވެށިގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވި ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.