ރާއްޖެއިން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ން ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އޭނާގެ ސަފީރުކަމުގެ ފަތްކޮޅު، އެ ގައުމުގެ ރައީސް އަދި އަބޫދާބީގެ ރޫލަރ ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އަށް އަރުވައިފިއެވެ.

ޔޫއޭއީގެ ރިޔާސީ ގަނޑުވަރު ގަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ އައު ސަފީރު ވަނީ ޔޫއޭއީގެ ރައީސްއަށް ފަތްކޮޅު އެރުވުމުގެ އިތުރުން ގަނޑުވަރުގައި ދިވެހި ދިދަ ނަންގަވާފައެވެ. ފަތްކޮޅު ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު ވަނީ އެ ގައުމާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖެއިން ޔޫއޭއީ އާއެކު ގާއިމްވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރައްވަން ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުވާލެއްވިއެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ އައު ސަފީރު އެ ގައުމުގެ ރައީސަށް ފަތްކޮޅު އަރުވުން

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ސަފީރު މުންދު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ފުރިހަމަ ސިއްހަތާއި ކާމިޔާބީއަށް އެދިވަޑައިގަތެވެ. އަދި ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނޭ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައިވާ އައު ސަފީރު އެ ގައުމުގެ ރައީސަށް ފަތްކޮޅު އަރުވުން

ރާއްޖެއާއެކު އޮންނަ ގުޅުން އެކި ރޮނގުތަކުން ފުޅާކުރުމަށް ޔޭއޭއީ އޮތީ ތައްޔާރަށްކަމަށް އެ ގައުމުގެ ރައީސް ވިދާޅުވިއެވެ. އަދި އައު ސަފީރުގެ މުއްދަތުގައި މި މުހިންމު ލަނޑުދަނޑި ހާސިލްކުރެއްވުމަށް ޔޫއޭއީ ސަރުކާރުން ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އެމަނިކުފާނުދެ އްވިއެވެ.

އެ ރަސްމިއްޔާތުގެ ފަހުން ބޭއްވުނު ބައްދަލުވުމުގައި ހިޒް ހައިނަސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްކެވި ވާހަކަފުޅުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުނު ހުރިހާ ސަފީރުންނަށް މަރްހަބާ ވިދާޅުވެ، އެ ބޭބޭފުޅުންގެ ގައުމުތަކާއެކު އިތުރަށް ގުޅުންތައް ހަރުދަނާކުރުމަށް އެ ގައުމުން އަބަދުވެސް އެއްބާރުލުން ދެއްވާކަމުގެ ޔަޤީންކަން އަރުވައި، މިކަންކުރުމުގައި ސަފީރުންގެ މަސައްކަތްޕުޅަށް ބޭނުންފުޅުވާ ކަންކަމުގައި އެގައުމުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނޭކަން ކަށަވަރު ކޮށްދެއްވިއެވެ.

ރާއްޖެއާ ޔޫއޭއީއާ ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 1978 ވަނަ އަހަރު މާރިޗް 15ގައެވެ. މުންދުއަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި ހަވަނަ ސަފީރެވެ