އަޝްހާ އީދުގެ ހަރަކާތްތަށް މާލެ ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިމަހުގެ 21 ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ.

އީދުގެ ހަރަކާތްތަށް ކުރިއަށް ދާ ގޮތް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އީދު ދުވަހުގެ ހަރަކާތްތަށް މިރޭ ވިލިމާލޭގައި ފެށިގެންދާނެ ކަމަށެވެ.

އެގޮތުން އީދު ބަޑި ޖެހުމާއި، ވެދުމާ ދިޔުމާއި ދަފި ނެގުން މިރޭ ވިލިމާލޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި މާދަމާ ހެނދުނު މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އީދު ނަމާދަށްފަހު އީދު ސައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މާލޭގެ މިއޮންނަނީ ތިން އަވަށް. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލެ. މި ތިން އަވަށުގައިވެސް އެކި ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވަފަ. އެގޮތުން ދިރާގާއި މާލެ ސިޓީ ކައުންސިލާއި އެންސީއޭ ގުޅިގެން މި ހަރަކާތްތަށް ކުރިއަށް ގެންދަން މިވަނީ ރާވާފައި." އޭނާ ވިދާޅުވިއެވެ.

މި ހަރަކާތްތަކާ ގުޅޭ ގޮތުން އެންސީއޭގެ ފަރާތުން ބުނީ، އީދުގެ ހަރަކާތްތަށް ކުރިއަށް ގެންދަނީ އެއަރޕޯޓްސް ލިމިޓެޑާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި އެމްއެންޑީއެފްގެ އެހީތެރިކަމާ ބައިވެރިވުމާއެކު ކަމަށެވެ.

އެގޮތުން ދެލި މާލި ނެރުމާއި، ކުޑަކުދިންގެ ހަވީރާއި، އީދު ސަޔާއި ސަގާފީ ކުޅިވަރުތައް އެކި ދުވަސް މަތިން ރާވާފައިވާ ކަމަށްވެސް އެ ޖަމިއްޔާގެ ފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ދިރާގު އީދު ބޮނޑިބަތް ކުރިއަށްދާނީ އީދު ނަމާދަށްފަހު މާލެ އާއި ވިލިމާލޭގެ އާޓިފިޝަލް ބީޗުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހުޅުމާލޭގައި ދިރާގު އީދު ޝޯ އާއި ކުޑަކުދިންގެ ހަވީރެއްވެސް އޮންނާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި ދުވަސްވަރަކީ ހުމާއި ރޯގާ އިތުރުވަމުންދާ ދުވަސްވަރެއް ކަމަށް އެޗްޕީއޭ އިން ފާހަގަކޮސްފައިވާތީ އެކަމަށް ސަމާލުކަން ދީގެން އުޅުމަށް މޭޔަރު އާޒިމް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު