އަޟްހާ އީދުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި އިސްލާމީ އަހުލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފަގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އީދުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ފޮނުއްވި ތަހުނިޔާގެ ހިތޯބުގައި ވިދާޅުވީ ބަރަކާތްތެރި އަޟްހާ އީދު މުސްލިމުންނާ ބައްދަލު ކުރަނީ ހައްޖުގެ މަތިވެރި އަޅުކަމާއި އަރަފާތު ދުވަހުގެ އިމެއް، މިނެއް ނެތް ރުއްސެވުމާއި ފުއްސެވުމަށް ފަހުގައި ކަމަށެވެ. އެއީ ކީރިތި ގުރުއާންގައި އެ 10 ރެއެއްގެ މާތްކަން ގަން ދެއްވައި މާތް ﷲ ގެ ހުވާގެ ބަސްފުޅު ވަހީކުރައްވާފައިވާ ހައްޖު މަހުގެ ފުރަތަމަ 10 ރޭ ނިމުމާ އެކުގައެވެ.

ބޮޑު އީދު ދުވަހުގެ ފަހަށް ތަރުތީބުވަނީ، އުފަލާއި އެކުވެރިކަމާއި ހެޔޮފޯރުވުމާއި ތަކުބީރު ތަހުލީލު ގިނަކުރުމުގައި މުޅި އުންމަތް ބައިވެރިވާ އައްޔާމުއްތަޝްރީގުގެ ތިން ދުވަހެވެ. ހައްޖާއި ބޮޑު އީދުގެ އަޅުކަންތަކާއި ގުރުބާންކުރުންތަކުން ޒިކުރާ އާ ކޮށްދެނީ، މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ﷲގެ ޚަލީލް، އަދި މުސްލިމްތަކުންގެ މާތް ބައްޕާފުޅު، ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅާ ގުޅިފައިވާ، ޢިބްރަތްތެރި ދަރެސްތަކެވެ. މިއީ، ހެޔޮ ކަންކަމުން ފުރިގެންވާ އިސްލާމީ މުނާސަބާއެކެވެ.

ރައީސް ވިދާޅުވީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނުގެ އިލްތިމާސްއަކީ ﷲ ދެއްވި ގިނަ ގުނަ ނިއުމަތްތަކުގެ މަތިން އަބަދުމެ، ހަނދާން އާ ކުރެއްވުން ކަމަށެވެ. އީދުގެ އުފާ ފާޅު ކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އިސްލާމީ އަހްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކީރިތި ﷲ ގެ ޙަޟްރަތުގައި އެންމެ ލޯބިވެތިވެ ވޮޑިގެންވާ އަމަލުތަކުގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައިވާ އެއްކަމަކީ، މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ ޢަމަލެއް ކުރުމެވެ.

މެހްމާންދާރީ އަދާކުރުން، ޞަދަޤާތެއް ނުވަތަ ހަދިޔާއެއް ދިނުން، ހެޔޮ ދުއާއެއް ކޮށްދިނުން، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ، ﷲގެ ހަޟްރަތުގައި ދަރުމަހުރި އަމަލުތަކަށް އަވަސްވެގަންނަން ޖެހޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

އީދަކީ، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސަކަށް ވާތީ، ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާ، އިޙްތިރާމާއެކު މުޢާމަލާތުކުރުމާ، އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ އާއިލާއަކުންވެސް އިސްކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"ދަރީންނަށް އަޅުގަނޑުމެން ބުނެދޭންވީ، އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރު ތަހުލީލު ކިޔައި، އިޖްތިމާއީ ރޫހުޙު އާލާކޮށް، ކުޅިވަރު ކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާއި ޝާމިލްކަމުގެ ހެކިތަކެއް ކަމުގައެވެ. މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ." ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދުއާއަކީ، އީދުގެ ބަރަކާތްތެރި ދުވަސްތައް، އުފާވެރިކަމާ ބާއްޖަވެރިކަމާއެކު އަބަދުވެސް މި ދީބުގައި ތަކުރާރުވަމުން ދިއުމެވެ. މި ލޮބުވެތި ދިވެހި ގައުމާއި، އަދި މުޅި އިސްލާމީ އުންމަތް، ނަސްރާ ނަސީބާއި ސިލްމާ ސަލާމަތުގައި، ލެހެއްޓެވުމެވެ."

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޭޚު ޝަހީމު

    އިސްލާމީ ޘަޤާގަތު ހިފަހައްޓާފައި އެކައުންޓަށް އޮޅިގެންވެސް މީހަކު ލާރިއެއް ޖަމާކޮށްފިއްޔާ ޕަކަޅާލަތި އެކަން ހަނދާނުން ކަޓުވާ ނުލާތި . އެސްޓީއޯ މިފްކޯ .އެޗްޑީސީ މިކަހަލަ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރ ކަން ލިބިއްޖިއްޔާ އެތަނުން ނަގާ ފައިސާ އެއީ ވައްކަމެއް ނޫން . އެކައުންޓަށް އޮޅިގެން މީހަކު ޖަމާކުރާ ފައިސާ ކަޓުވާލުން އެއީވެސް ވައްކަމެއްނޫން ފަޅޮލެއް ގަހަކުން ބިނުން ، ރިހާކުރު ފުޅިއެއް ނެގުން ކުރުނބަލެއް ރުކަކުން އެޅުން އެއީ ވައްކަން . މީ ރިވެތި އިސްލާމީ ޘަޤާފަތުގައި މިކަން އޮތްގޮތް .ފުރެދެ ޘަޤާފަތުތައް ޤަބޫލު ނުކުރާތި

    4
    3