ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ހައްޖުވެރިންގެ ހާލު މިއަދު ބައްލަވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ފޯނުން ގުޅުއްވައި ދިވެހި ހައްޖުވެރިންގެ ހާލު ބެއްލެވި އިރުގައި ހައްޖު ދުވަހުގެ ހެޔޮ އެދުންތައް ހުރިހާ ހައްޖުވެރިންނަށް ފޮނުއްވިއެވެ. އަދި ދިވެހި ހުރިހާ ހައްޖުވެރިންނަށް ވެސް މަބްރޫރް ހައްޖަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ހައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ޑރ. މުއިއްޒު ވަނީ "އެކްސް" ގައި ވެސް ޕޯސްޓެއް ކުރައްވައިފައެވެ.

އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ ހައްޖު ދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމާއި މި ދުވަހަކީ މާތް ﷲ ގެ މަދަދާއި ރުއްސެވުމުން ފުރިގެންވާ ދުވަހެއްކަން ފާހަގަކުރައްވައި މިދުވަހުގެ ބާއްޖަވެރިކަން ދިވެހި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖުވެރިން ވަނީ ސައުދީ އަށް ގޮސްފައެވެ. މީގެތެރޭގައި ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފަގީރުންގެ ދަފްތަރުގައި ހިމެނޭ 1،000 މީހުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވަން ކަނޑައެޅި 50 މީހުން ވެސް ހިމެނެއެވެ. މި މީހުން މިފަހަރު ހައްޖަށް ދާން ކަނޑައެޅީ ގުރުއަތުލައިގެންނެވެ. ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހައްޖަށް ގެންދިއުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު