ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މުވައްޒަފުންތަކެއް ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގައި މައްސަލަައިގައި ހިމެނޭ މީހަކު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އަލީ ހުސެއިންއެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އެދުނީ އަލީ ހުސެއިން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު އޭނާ ޝަރުތުތަކާއެކު މިނިވަންކޮށްފައިވަނީ، އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ބުނެއެވެ.

އޭނާއަކީ މި ހާދިސާގެ ކުރިއަށް ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއެއްގައި އުޅެމުންދިޔަ މީހެއް ކަމަށާއި ވަޒީފާގައި އުޅުނު މުއްދަތުގައިވެސް އޭނާގެ ފުށުން އަހްލާގީ މިންގަނޑާއި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަ ކޮށްފައިވާކަމަށް ދައުލަތުންވެސް ފާހަގަކޮށްފައެއްނުވާ ކަމަށް ވަނީ ބުނެފައެވެ.

އަލީ ހުސައިންގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި އޭނާ ކުރިން އެއަރޕޯޓުގައި ވަޒީފާގައި އުޅުނު ކަމަށްޓަކައި، އޭނާ އަކީ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތުވެދާނެކަމަށް ނިންމިދާނެ ކަމަށް ނުދެކޭ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޢަލީ ޙުސައިން މިހާރުވެސް ވަޒީފާ އަދާކުރަމުންދަނީ އެއަރޕޯޓުގައިތޯ ސާފުކުރުމަށް ޝަރީޢަތުން ސުވާލުކުރުމުން އެކަން މިވަގުތު ބެލިފައިނުވާކަމަށް ދައުލަތުން ބުނެފައިވާއިރު އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަމަށް ދިފާއުން ބުނެފައިވާ ކަމަށް ކޯޓުން ބުންޏެވެ.

އެހެންކަމުން އޭނާގެ ފަރާތުން މުޖުތަމައު އަށް ނުރައްކަލެއް ކުރިމަތިވެދާނެތޯ ބެލުމުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި ބަޔާން ކޮށްފައިވާ ކަންކަން މާނަ ކުރެވެނީ އަލީ ހުސެއިން އާ އެއްކޮޅަށް ކަމަށް ބުނެއެވެ.

ދައުލަތުން ބުނެފައި ވަނީ އަލީ ހުސެއިން ކުށުގެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ގޮތުގެ ސަބަބުން އޭނާއަކީ މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

އެގޮތުން އިންޓަރނޭޝަނަލް ޓަރމިނަލްގައި އިންޓަރނޭޝަނަލް އެރައިވަލްގައި ލަގެޖުގައި ލާފައި އިން ކާޓެއް ޓްރެކްޓަރ މެދުވެރިކޮށް އެެއަރޕޯޓުގެ ލަގެޖް ޓްރާންސްފަރ ކުރުމުގެ އުސޫލާ ހިލާފަށް ޑޮމެސްޓިކް ޓަރމިނަލްއަށް ގެންގޮސްފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ސުޕަވައިޒަރުގެ ހުއްދަ ނެތި ކަމަށް ބުނެފައިވެއެވެ.

މިކަމުގެ އަމަލުކުރަންވީ ގޮތް ހާދީސާ ހިނގުމުގެ ކުރިން އަލީ ހުސައިނަށް ލިބިފައިވާ ކަމަށް އޭނާގެ ބަޔާނަށް ބެލުމުން އެނގޭ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަދި ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އަލީ ހުސެއިންގެ އެ އަމަލާ ގުޅިގެން އޭނާ މުޖުތަމައު އަށް ނުރައްކަލަކަށް ވާ ގޮތެއް ދައުލަތުގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ.

އަލީ ހުސެއިން ދޫކޮށްފައިވަނީ މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދުމާއި އިތުރު ކުށަކަށް އަރައިނުގަތުމާއި ކޯޓުން އަންގާ ގަޑިއަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް އަދި އެއްވެސް މުއާސަލާތެއް ނުކުރުމަށް ޝަރުތު ކުރުމަށްފަހުއެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ އިރު އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އޭޕްރިލް މަހު ދޫކޮށްލިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުސޭނު

    ޥަރައް ހެއްވާ ކަމެއް ކުރިން ކަމެއް ކޮއްފަ ނެތޭ ކިޔާފަ ދޫކޮއްލުމަކީ..ގަވައިދާ ހިލާފައް ޑޮމެސްޓިކު ޓާރމިނަލް ލަގެޖު ގެންދިއުމަކީވެސް އެކަމުގައި ބައިވެރިވުން

  2. ޕީޖޭ

    މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވަނީ އަދާކުރަމުންދާ ވަޒީފާގައި ހުރެމެ، އެކަމުގެ ބޭނުން ނާޖާއިޒު ހުއްދަ ނޫން ގޮތުގައި ހިފައި، މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރާ މީހުންނާއި ގުޅިގެން އެކަމަށް މަގުފަހިކޮށްދީ އެހީތެރިވުން.. ނަތީޖާއަކީ މަސްތުވާއެއްޗެހި ރާއްޖެ އެތެރެވެ ބޭނުންކުރާ މީހުންނަށް ލިބުން، އަދި މަސްތުވާތަކެތި ހޯދުމަށް ބޭނުން ކުރާ މީހުން ވައްކަން ފޭރުން ފަދަ ކުށްތަކަށް އަރައިގަނެ ރުފިޔާ ހޯދުން.. މީގެ އިތުރުން ބޭނުން ކުރާ މީހުންގެ އާއިލާގެ ބިކަވުން ކޮބާ؟؟ އެ މީހުންގެ ދަރިންގެ ހާލަތަކީ ކޮބާ؟ ބަފައި މީހާ ޑްރަގުބޯން.. މިހުރިހާ ކަމެއްގެ ޒިންމާގެ ބައެއް ޢަލީ ހަސަން ވެސް އުފުލަން ޖެހޭނެ.. ފައިސާ ކޮޅަކަށް ނަފްސް ތިވިއްކީ.. ވައިޓް ކޯލަރ ކްރިމިނަލްސް.. ތައުބާ ވުން އެދެން.. ނޭވާލާ ކޮންމެ ސިކުންތެއް އެއީ ފުރުސަތެއްކަމަށް ބަލައި ﷲގެ މަގަށް ރުޖޫޢަވުން އެދެން.

  3. Anonymous

    ވަކި ބައެއްވީމަ ހަމަ.