މުސްލިމުން އީދުގެ އުފާ ފާހަގަ ކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ އީދުގެ ހުތުބާގައި މިއަދު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި އީދު ހުތުބާގައި ވިދާޅުވީ ނަބިއްޔާގެ އިރުޝާދުގައިވާ ގޮތަށް މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާން ޖެހޭ ކަމަށެވެ. އަދި އެހެން ދީންތަކުގެ ގޮތްތައް ކޮޕީ ކުރަން ނުޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

"އަހަރުމެންނަކީ މާތް ﷲ އިސްލާމްދީނުގެ ސަބަބުން ޢިއްޒަތްތެރިކަން ދެއްވައިފައިވާ ބަޔެކެވެ." ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި އަޟްހާ އީދު ދުވަހަކީ މީސްތަކުން ﷲ އަށްޓަކައި ގުރުބާން ކުރާ ދުވަހެވެ. މި މަތިވެރި އަޟްހާ އީދު ދުވަހުގައި، މުސްލިމުން ކުރާ ގުރްބާންތައް އާ ކޮށްދެނީ، އިބްރާހީމް އަލައިހިއްސަލާމުގެ ޒިކުރާ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ. އަދި ކޮންމެ ބަޔަކުވެސް އެ ބަޔަކަށް މާތް ﷲ ޙަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހާ ފަސާދަތައް ނެތިހިނގައިދާނޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

އީދު ހުތުބާގައި ވިދާޅުވީ ގައުމަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ އަހުލުވެރިންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ. އަދި ގައުމަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ، އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުމާއި ގައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުންކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

"މި ކަންކަން އެ ބަޔަކަށް ހާސިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންނެވެ. ހިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހްތިރާމުކޮށް، އަމިއްލަ މަސްލަހަތުގެ ބަދަލުގައި، ދީނާއި، ވަތަނުގެ މަސްލަހަތު އިސްކޮށްގެންނެވެ." އީދު ހުތުބާގައި ވިދާޅުވިއެވެ.

ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރި އީދު ނަމާދު--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

މި ހުތުބާގައި ހައްޖު ދުވަހު އަރަފާތުބިމުގައި ފެނިގެންދިޔަ މަތިވެރި މަންޒަރުތައް ހަނދާންކޮށް އިބުރަތް ހާސިލްކުރުމަށްވެސް ގޮވާލެއްވިއެވެ.

އެގޮތުން އެތައް މިލިއަން މުސްލިމުން، އެއް ފޭރާމެއްގައި، އެއް ބިމަކަށް އެއްވެ، މާތް ﷲ ގެ ހަޟުރަތުގައި ނިކަމެތިވެ، އެބައިމީހުންގެ ހާޖަތްތަކުން، އެކަލާނގެއަށް މުނާޖާ ދެންނެވުމުގައި ހޭދަކޮށްފައިވާއިރު، ޢިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަންޖެއް، ވެރިއެއް ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަން ހުތުބާގައި ފާހަގަކުރިއެވެ. މިކަމުން އަންގައިދެނީ އިސްލާމްދީނުގައި، މީސްތަކުންގެ މެދުގައި މާތް ﷲ ކަނޑައަޅުއްވައިފައިވާ ހަމަހަމަކަން ކަމުގައި ހުތުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތީތި

    ތީ ނުވާނެ ކަމެއް..ދައުލަތުން މުންކަރާތް ރާވާ ސްޕޮންސަރކޮށް ހިންގަނީވެސް...

    8
    4
  2. Anonymous

    ކޮން ދީނެއްގެ

  3. ޖުއްބާ

    ކޮން ދީނެއްގެ ކޯންޗެއް ކޮޕީކުރާވަހަކަ ތިކިޔަނީ.....؟؟! ދިވެހިން ނޫޅޭ މޮޔަވެގެނެއް. ޔަހޫދީންވެސް ތުނބުޅި ދިގުކުރޭ، ދިވެހިންވެސް ތުނބުޅި ދިގުކުރޭ. ދެން އޭގެ މާނައަކީ ދިވެހިން ޔަހޫދީން އުޅޭގޮތް ކޮޕީކުރަނީއޭތަ.......

    1
    1
  4. ބަބު

    އީދު މަޅި. މާލީ. ކުލަޖެހުން މީ ބުދުދީނުގެ ކަންކަން.

  5. ޥާހް

    އީދުނަމާދުގެ މާތް ޖަމާއަތުގެ އިސް ސަފުން ކަރަޕްޝަންގެ މޫނުތަށް ފެންނަ ފެނުން ހިތްގައިމެއް ނޫނެވެ. ރައްޔިތުންނަށް ބޮޑުތަނުން އޮޅުވާލާފަ ތިބި ޚާއިނުންގެ މޫނުތަށް ކުރީ ސަފުން ޖާގަދެވިފައިވުން އެކަށީގެނެއް ނުވެއެވެ.